ވެރިކަމުގެ މަސްތުން ދުރުގައި ހުރުމަކީ އުދަނގޫ ކަމެއްކަމަށް ނަޝީދު ވިދާޅުވި: ނިހާދު

ވެރިކަމުގެ މަސްތުން ދުރުގައި ހުރުމަކީ އުދަނގޫ ކަމެއްކަމަށް ނަޝީދު ވިދާޅުވި: ނިހާދު

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2022 02:05
0

ވެރިކަމުގެ މަސްތުން ދުރުގައި ހުންނެވުމަކީ އުދަނގޫ ކަމެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީން އެޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވުމަށް މަސައްކަތް ކުރައްވާ ޕްރައިމަރީވެސް ނުބޭއްވި ލަސްވަމުން ދަނީ ޕްރައިމަރީގެ ކުރިން ނިޒާމީ ވޯޓަށް ރައީސް ނަޝީދު ކުރަމުންދާ ޕްރެޝަރާއި ހެދިއެވެެ.

މެމްބަރު ނިހާދު ވިދާޅުވީ ވެރިކަން ކުރެއްވުމަށްފަހު ދެން ވެރިކަމާއި ދުރުގައި ހުންނެވުމަކީ ކިތަންމެ ބޭނުންވި ނަމަވެސް ކުރަން އުދަނގޫ ކަމެއްކަމަށް ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވިދާޅުވެފައިވާކަމަށެވެ. ވެރިކަމުގެ ނިޒާމަކަށް ބަދަލު ގެނެސްގެން ނަމަވެސް ވެރިކަމަށް އާދެވޭނެ މަގެއް ހޯއްދެވުމަކީ ރައީސް ނަޝީދު އަބަދުވެސް ބޭނުންވާ ގޮތްކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށް ސާފު ވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ވެރިކަމުގެ މަސްތުން ދުރުގައި ހުންނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ދުރުގައި ހުރެވޭނީ ކުޑަ ދުވަސްކޮޅަކަށް ކަމަށް ޤައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވި! އެހެންކަމުން ނިޒާމަށް ބަދަލު ގެނެސް އެކަން ކުރަން ވަރަށް ބޭނުން ކަމަށް އޯޕަންކޮށް ވިދާޅުވި! ޤައުމީ މަޖިލިސްގައި ނެތް ބޭފުޅުންނަށް ސާފު ނުވެދާނެ!

– ނިހާދު ވިދާޅުވިއެވެ.

މަޖިލީހުގެ އާސްކް ސްޕީކާ ޕްރޮގުރާމުގައި ނަޝީދު ވިދާޅުވީ، އިންތިހާބުގެ ޕްރައިމަރީއަކަށް އެމްޑީޕީ ދާއިރު، މިދިޔަ އިންތިހާބަށް ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭގައިވާ ވަރަށް ގިނަ ކަންކަން ވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން، އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި އެބަ އޮތް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހުގައި އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިންނޭ. މިހެން މިގޮތަށް މަތިބަރުކަން މާބޮޑަށް ކުޑަކުރެވި ދާނެއޭ، ދައުލަތުގެ ހަރަދު އިންތިހާއަށް ކުޑަވެގެން ދާނެ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއޭ". ނަޝީދު އެ މެނިފެސްޓޯގައިވާ ކަންކަމަށް އިޝާރަތް ކުރައްވަމުން ވިދާޅުވިއެވެ.

އިތުރަށް އެ މެނިފެސްޓޯގައިވާކަންކަމާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށްފަހު ނަޝީދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ މި މެނިފެސްޓޯއާއި އެކުގައި ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ކޯލިޝަން މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކަ ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.