”ކޯވިޑް-19 އަށް ފަހު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ ނަފްސާނީ ބަލީގެ މައްސަލަކަމުގައި ޙެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ނަފްސާނީ ސިއްޙަތާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޤައުމީ ކެމްޕެއިން ފެށުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ޝާއިޢު ކޮށްފައިވާ ރިޕޯޓްތަކުން އެނގޭގޮތުގައި ކޯވިޑަށްފަހު އިތުރުވެފައިވާ އެންމެ ބޮޑު ޞިއްޙީ މައްސަލައަކީ، ނަފްސާނީ ބަލިތައް ކަމަށެވެ. އެކަމާ ގުޅިގެން، ޑަބްލިއުއެޗްއޯއިން ވަނީ ނަފްސާނީ ދުޅަހެޔޮކަން "ގްލޯބަލް ޕްރަޔޯރިޓީ" އެއްގެ ގޮތުގައި ކަނޑައަޅާވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަފްސާނީ ޞިއްޙަތަކީ ޢާންމު ޞިއްޙަތާއި ޞިއްޙީ ނިޒާމަށް ބޮޑުގޮންޖެހުމަކަށްވުމުގެ އިތުރުން، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާ ގުޅިލާމެހިފައިވާމައްސަލައަކަށް ވީހިނދު، ސަރުކާރާއި މުޖުތަމަޢު އިން މިމައްސަލައަށް އިތުރު ސަމާލުކަންދީ އިޖާބަދިނުން ވަރަށް މުހިންމުވެފައިވާ މައްސަލައެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނާއި ބަލިމަޑުކަމުގެ ސަބަބުން ނުކުޅެދުންތެރިކަމަށް ހުށަހެޅޭ ފަރާތްތަކާއި އަދި މިފަދަ ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
އެމިނިސްޓްރީން ވިދާޅުވާގޮތުގައި ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަޙައްމަލކުރަމުންދާ މީހެކެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގައި ކޮށްފައިވާ ޑަބްލިއުއެޗްއޯގެ"ސްޓެޕްސް ސާރވޭ އޮންރިސްކް ފެކްޓާރސް ފޯ ނޮންކޮމިއުކަބަލް ޑިޒީސަސް"އިން ދައްކާގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހެކެވެ.
މިފަދަ ބަލިތަކަކީ ފަރުވާ ކުރުމަށްޓަކައި ދިގުމުއްދަތަކަށް ބޮޑު ހޭދައެއްކުރަން ޖެހޭ ބަލިތަކެކެވެ. ދުނިޔޭގެ ނިސްބަތުގައި، މި ބަލިތައް ތަޙައްމަލްކުރާ ފަރާތްތަކަށް ކުރިމަތިވާ ޞިއްޙީ ގޮންޖެހުންތަކުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ބުރޫއަރާ، އަދި މިބަޔަށް ފަރުވާ ހޯދުމަށް އަހަރަކު ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން ގިނަވުމަކީ މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
އިޖްތިމާޢީ ގޮތުންނާއި ޖިސްމާނީ ދުޅަހެޔޮކަމާ އެއްގޮތަށް ދިވެހިންގެ ނަފްސާނީދުޅަހެޔޮކަން ކުރިއެރުވުމަށް މުހިންމުކަން ދީގެން ސަރުކާރުގެ ސްޓްރެޓެޖިކްއެކްޝަންޕްލޭނާއި ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި އިސްކަންދޭދާއިރާއެއްގެ ގޮތުގައި ނަފްސާނީ ޞިއްޙަތު ހިމަނާފައިވެއެވެ. ނަފްސާނީ ޞިއްޙީޚިދުމަތްތައް ގާއިމުކުރުމަށް ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސްޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް އެ ޕްލޭންގައި ނަފްސާނީ ދުޅަހެޔޮކަންއިތުރުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރި މުޖުތަމައުއެއް އުފެއްދުމުގެ މަޤްޞަދުގައި ޤައުމީ ފެންވަރުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖީގެ މުހިންމުކަން ފާހަގަކޮށް ފައިވެއެވެ.
ނަފްސާނީ ޞިއްޙަތަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ރެޕިޑް އެސެސްމެންޓެއް މިއަހަރު ވަނީ ހެދިފައިވެއެވެ. މިއެސެސްމަންޓުން ފާހަގަވި މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. މިކޭމްޕޭން ހިންގުމުގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރުމެވެ.
ނަފްސާނީ ޞިއްޙަތުގެ ކޮމިނިއުކޭޝަން ސްޓްރެޓެޖީ އަދި ކެމްޕޭން ޕްލޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ދަރުބާރުގެ ރަންނަބަނޑޭރި ޖަލްސާ ކުރާ މާލަމުގައެވެ.