ރާއްޖޭގައި ފުރަތަމަ އެޅުމަށް ހަމަޖެހިފައިވާ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމައިފިއެވެ.
މިއީ ސަރުކާރުން އަޅާ ސަބްމެރިން ކޭބަލެކެވެ. މި މަޝްރޫޢުގެ ބޑޭނުމަކީ، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ވަރުގަދަކުރުމެވެ. އެއާއެކު ޑިޖިޓަލް ޓްރާންސްފޮމޭޝަންއަކަށް ރާއްޖެ ކުރާ ދަތުރު އަވަސްވެ ޔަޤީންކަން އިތުރުވެގެންދާނެއެވެ.
ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހަދަން ހުޅުމާލެއިން ބޭނުންވާ ބިން ހޯދުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ)އާއި އޯޝަން ކަނެކްޓު މޯލްޑިވްސް (އޯސީއެމް)އާ ދެމެދު މިހާރުވަނީ ސޮއިކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އޯސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝިހާބެވެ. އޯސީއެމްއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ލޭންޑިން ސްޓޭޝަންއަށް ބިން ކަނޑައަޅާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.
ސަބްމެރިން ކޭބަލް 2023ވަނަ އަހަރު ނިމުމުގެ ކުރިން އެޅުމަށް ކަނޑައަޅާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.