ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމުގެ ވޯޓެއް ނަގަން ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށާއި އަމަލުކުރަމުން އަންނަ މެނިފެސްޓޯގައި ވެސް ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިގޮތަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެމްޑީޕީގެ 2018ގެ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިމަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ އެބައޮތް ކަމަށެވެ. އާސްކް ސްޕީކަރ ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އިންތިހާބުގެ ޕްރައިމަރީއަކަށް ދާއިރު، މިދިޔަ އިންތިހާބަށް ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭގައިވާ ވަރަށް ގިނަ ކަންކަން ވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން، އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި އެބަ އޮތް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހުގައި އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިންނޭ. މިހެން މިގޮތަށް މަތިބަރުކަން މާބޮޑަށް ކުޑަކުރެވި ދާނެއޭ، ދައުލަތުގެ ހަރަދު އިންތިހާއަށް ކުޑަވެގެން ދާނެ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއޭ.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަމުން އަންނަނީ އެ މަނިކުފާނުގެ ވައުދުތައް ފުއްދުމަށް 2018 ގެ އިންތިހާބުގައި އާއްމު ކުރެއްވި މެނިފެސްޓޯ ކަމަށެވެ. ރައްޔިތުންނަށް ވެ ވަޑައިގަތް ވައުދުތައް އެ މެނިފެސްޓޯގައި ހިމަނައި ފުއްދަވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓާ މެދު އުފެދުނު ހިލާފު ތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެންނެވެ. މީގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން ރައްޔިތުންގެ ވޯޓެއް ވެސް ނެގި އެވެ. ނަމަވެސް އެ ވޯޓުގައި ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު އެގޮތް ގަބޫލު ނުކުރައްވައި އަދިވެސް ބޭނުންވެލައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލާށެވެ.