ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި، ވަކި މީހަކު ބޭނުންވެގެން ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވޯޓެއް ނެގުމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މަޖުބޫރު ނުކުރެވޭނެ ކަމުގައި އެމްޑީޕީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން މަސައްކަތް ކުރަމުންދާއިރު، ޕްރައިމަރީގެ ކުރިން ރިޔާސީ ބަރުލަމާނީ ވޯޓު ނަގަންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އިއްޔެ މަޖިލީހުގައި ބޭއްވި އާސްކް ސްޕީކާ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ އެމްޑީޕީން ރިޔާސީ ޕްރައިމެރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ ޕްރައިމަރީގެ ވޯޓާއި އަޅުވައި ރިޔާސީ ބަރުލަމާނީ ވޯޓެއް ނެގުމަށް އެމްޑީޕީއަށް މަޖުބޫރެއް ނުކުރެވޭނެކަމަށެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުން ކަމުގައިވާނަމަ ޕާޓީގެ އުސޫލުތަކާއި އެއްގޮތަށް ވަދަކޮށް ކެމްޕެއިން ކުރަންވީކަމަށް މޫސަ ވިސާޅުވިއެވެ.
ރިޔާސީ ބަރުލަމާނީގެ ނަމުގާ ވޯޓެއްނަގަން ޕާޓީ އަށް މަޖްބޫރެއް ނުކުރެވޭނެ. ރިޔާސީ ޕްރައިމަރީގާ ވާދަކުރައްވަން ބޭނުންފުޅު ބޭފުޅުން ޕާޓީގެ އުސޫލާއެއްގޮތަށް ކުރިމަތިލައްވާ ކެމްޕޭންކުރައްވާ.
– މޫސަ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އިންތިހާބުގެ ޕްރައިމަރީއަކަށް އެމްޑީޕީ ދާއިރު، މިދިޔަ އިންތިހާބަށް ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭގައިވާ ވަރަށް ގިނަ ކަންކަން ވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން، އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި އެބަ އޮތް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހުގައި އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިންނޭ. މިހެން މިގޮތަށް މަތިބަރުކަން މާބޮޑަށް ކުޑަކުރެވި ދާނެއޭ، ދައުލަތުގެ ހަރަދު އިންތިހާއަށް ކުޑަވެގެން ދާނެ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއޭ.
– ނަޝީދު އެ މެނިފެސްޓޯގައިވާ ކަންކަމަށް އިޝާރަތް ކުރައްވަމުން ވިދާޅުވިއެވެ.
އިތުރަށް އެ މެނިފެސްޓޯގައިވާކަންކަމާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށްފަހު ނަޝީދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ މި މެނިފެސްޓޯއާއި އެކުގައި ކަމަށެވެ. އަދި މިއީ ގުޅިފައިވާ ޕާޓީތަކާއި އެކުވެގެން އައިސްފައިވާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުންވެސް ބުނެފައި އޮތީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކަމަށެވެ.
2 Responses
އިންޑިޔާވަރަށްފަސޭހަވާނެ ބަރުލަމާނީވެރިކަމެތް ނަސިދުކުރަން މޯދީފަހަރެއްގަހަވާލުކޮންފާނެބޮޑުވަޒީރުކަން އެހާވެސްގާތްކޮށެންނުއުޅެނީ
ފާޑުފާޑަށް ވޯޓުނަގަންޚަރަދުކުރާނީކާކު ދެދުވަހުންއެއްދުވަހުބަރުލަމާނީވޯޓެއްނަގާކަށްނުޖެހޭ ވޯޓެއްނަގަންބޭނުންވާފަރާތުން ހުރިހައިޚަރަދެއްގައިހިފަންޖެހޭނެ