އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
ހުސެއިން
01 ޑިސެމްބަރ 2022 08:25
0

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީގެ) ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޕީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ)ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ އިއުލާންކުރާ ކަމުގައެވެ.

މިގޮތުން ޕްރައިމަރީއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ފޯމުގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް 14 ޑިސެމްބަރ 2022ގެ މެންދުރު 2:00ގެ ކުރިން އެޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓު ފްލޯއަށް ވަޑައިގެން ފޯމުހުށަހެޅުއްވުމަށް، ނުވަތަ އީމެއިލް ކުރެއްވުމަށް އެމްއެންޕީން ނެރެފައިވާ އިއުލާންގައި ބުނެފައި ވެއެވެ.

ދަނގެތީގެ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ ހިންގަވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން ވަނީ ނިންމާފައެވެ.

އަންނަ ޖެނުއަރީމަހު އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ގައުމީ ކައުންސިލްއިން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކޮށްފައިވަނީ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އެކަންޏެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭވެސް ހިމެނެއެވެ. އޭގެ އިތުރުން ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީންވަނީ އެ ޕާޓީންވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.