މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ އަދި ބ. ދަރަވަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި، އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށުން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.
މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ