ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޤާޟީ ބާރީ މަޤާމުން ވަކިކުރުމަށް ނިންމާ އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިމިވަނީ އޭނާ ސަސްޕެންޝަންގައި ހުންނަވާތީ އަހަރެއްހާ ދުވަސްފަހުން މިމަހުގެ 17 ވަނަ ދުވަހުއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އެންގުމުން، ގާޒީ ބާރީ ސަސްޕެންޑްކުރީ ޑިސެމްބަރު 12 2019 ގައެވެ.
މިމައްސަލަތަކުގެ ތަޙްޤީޤުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޤާޟީ އަބްދުލްބާރީ ޔޫސުފާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއި އެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ބާރީ ބައިވެރިވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަން ފާހަގަކުރެވިފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި އެ ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަމަށާއި ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމަށްވެސް ޖޭއެސްސީގެ ތަހުޤީގުގައިވެއެވެ.
މީގެއިތުރުން ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާކަންވެސް ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. ގާޒީ ބާރީ މަގާމުން ވަކިކުރަން ނިންމިއިރު، ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލައި ސަސްޕެންޑުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ.
ކޮމެންޓު ފޮނުވާ