ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ވަރުގަދަ ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ބްރެޒިލް ނެރުނު ފުރަތަމަ އެގާރައަށް ބަލާއިރު އެޓޭކިން ލައިނުގައި ކުޅުންތެރިން ގިނައިން ހިމެނި ނަމަވެސް އެޓީމަށް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ފުރަތަމަ ހާފުގައި ނުއުފެއްދުނެވެ. މި ހާފުގައި ސާބިއާ އިން ފެނުނީ ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނު ތަނެވެ.
މި ހާފުގައި އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލީ ބްރެޒިލުންނެވެ. މިޑްފިލްޑަރު ކަސެމީރޯ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ދިޔަައީ ސާބިއާގެ ކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް އަތަށެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ބްރެޒިލްގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޗާލްސަންއެވެ. ބްރެޒިލްގެ ގޯލަށް ފަހު ސާބިއާ އިން ކުރިއަށް ޖެހިލައިގެން ކުޅެމުން ދިޔަ ވަގުތު އިތުރު ގޯލެއް ޖަހައި ބްރެޒިލުން ލީޑު ފުޅާކުރިއެވެ. މި ގޯލުވެސް ޖަހައިދިނީ ރިޗާލިސަން އެވެ. އަރިމަތިން ވިނީޝިއުސް ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ރިޗާލިސަން ވަނީ ހިތްގައިމު ގޯލެއް ޖަހައި ސާބިއާ ސިއްސުވާލައިފައެވެ.
މި ގޯލާ އެކު ރިޗާލިސަން ވެފައިވަނީ ނޭމާ އަށް ފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލްގެ ގައުމީ ޓީމަށް ދެ ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ބްރެޒިލުން ނިކުންނާނީ ސްވިޓްޒަލެންޑާއި ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ސާބިއާ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.