ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫ ރެކޯޑަކާ ހަމަކުރިއިރު، ފަހަތުން އަރައި އޮސްޓްރޭލިއާ އަތުން 4-1 އިން މޮޅުވެއްޖެއެވެ.
އޮސްޓްރޭލިއާ އަތުން ފްރާންސް މޮޅުވުމާ އެކު އެ ޓީމު އޮތީ ގްރޫޕް ޑީގެ އެއް ވަނައިގައެވެ. މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ ޑެންމާކާއި ޓިއުނީޝިއާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަނުން ފްރާންސުން މިފަހަރުގެ މުބާރާތާ ކުރިމަތިލީ އަނިޔާގެ ގިނަ މައްސަލަތަކާ އެކުގައެވެ. އެ ގޮތުން މިދިޔަ މުބާރާތުގެ ތަށި ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އަނެއްކޮޅުން، މުބާރާތް ފެށެން ކުޑަތަންވެފައިވަނިކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ފަހުން ހޯދި ކަރީމް ބެންޒެމާ އަށް އަނިޔާވެ ޓީމާ ވަކިވާން ޖެހުނެވެ. މީގެ އިތުރުން ޓީމުގެ ފުރަތަމަ އެގާރާގައި ކުޅޭނެ ކަމަށް ބެލެވުނު މިޑްފިލްޑަރ އެޑުއާޑް ކަމަވިންގާ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އޮސްޓްރޭލިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޭގް ގޫޑްވިންއެވެ. އެކަމަކު މި ލަނޑަށްފަހު މުޅި މެޗުގެ ކޮންޓްރޯލް ފްރާންސްއިން ހޯދައި ފުލުފުލުގައި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އެގޮތުން އެ ޓީމުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.
އެކަމަކު މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޭޑިއަން ރަބިއޯއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޮލިވިއޭ ޖިރޫޑް ވަނީ ލަނޑު ޖަހާ ފްރާންސްއަށް ލީޑު ނަގައިދީފައެވެ. މިއީ ރަބިއޯގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ފްރާންސްއިން ވަނީ ފުލުފުލުގައި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހާ ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޖިރޫޑް ވަނީ އިތުރު ލަނޑެއް ޖާހާފައެވެ. މިއީ ޖިރޫޑް ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން 51 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ތިއެރީ އޮންރީގެ ރިކޯޑާއަރާ ހަމަކޮށްފައެވެ.