ރައީސް ގެންދަވަނީ ސަރުކާރު ޒިންމާދާރު ކުރައްވަމުން: އަލީ އާރިފް

ރައީސް ގެންދަވަނީ ސަރުކާރު ޒިންމާދާރު ކުރައްވަމުން: އަލީ އާރިފް

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 06:57
0

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅުން ވާހަކަދައްކަމުން ދިޔަ ނަމަވެސް، އެހެން ބަޔަކު އެކަން ކުރަންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑުނުކުރައްވާނެ ކަމަށާއި، ރައްޔިތުންގެ ގާތަށް ވަޑައިގެން އެމަނިކުފާނު އަމިއްލަފުޅަށް ޖަވާބުދާރީވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް މިކަން ފާހަގަކުރެއްވީ، ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމަށް އެ ފަރާތްތަކުން ކެމްޕެއިން ކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މަދު ބަޔަކު މެދުވެރިވެގެން ސަރުކާރާ ސުވާލުކުރުމުގެ ބަދަލުގައި، ރައީސް ގެންދަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން ކަންކަން ސާފުކޮށްދެއްވަމުންނެވެ.

އާރިފް އިތުރަށް ވިދާޅުވީ، ވަކި ބަޔަކު ސުވާލުކުރަންދެން ނުތިއްބަވައި، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ގޮވައިގެން ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ޚުދު އެމަނިކުފާނު ބޭނުންފުޅުވެގެން ކަމަށެވެ. އަދި އެ ދަތުރުފުޅުތަކުގައި ރައްޔިތުންގެ އެކި ގިންތީގެ މީހުންނާ ބައްދަލުކުރައްވައި، ސީދާ ރައްޔިތުންގެ ކުރިމަތީގައި މި ސަރުކާރު ޖަވާބުދާރީ ކުރުވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުޢިއްޒު ވަނީ "ރައްޔިތުންނާ ގާތަށް" ނަމުގައި ޚާއްސަ ސިލްސިލާއެއް ފައްޓަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ. މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަވާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.