މިއަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން މި މަހުގެ 17 ގައި؛ ހެކިބަސް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

މިއަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން މި މަހުގެ 17 ގައި؛ ހެކިބަސް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

Author
އަހުމަދު
11 ފެބްރުއަރީ 2026 06:58
0

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ބެލުން، މި ހިނގާ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.

ޑީޖޭއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުބެލުމުގެ ކަންކަން ރަސްމީކޮށް ކުރިއަށްދާނެއެވެ. މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ މައި އިދާރާގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، އަތޮޅު އަދި ރަށު ކައުންސިލް އިދާރާތައް އެ ވަގުތު އާންމުންނަށް ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސަވާފައެވެ.

ހަނދު ފެނިއްޖެނަމަ އެކަމުގެ ހެކިބަސް އަދާކުރުމުގެ ފުރުސަތު ވީހާވެސް ފަސޭހަ ގޮތެއްގައި އިންތިޒާމު ކުރުމަށް އެ އިދާރާއިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލޭގައިނަމަ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި އަދި ރަށެއްގައިނަމަ މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެއެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާގެ ކުރިމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.

ހަނދު ފެނިގެން މައުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި، އުސްމިން ފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރަންޖެހޭނެއެވެ. ހަނދު ފެނިގެން ހެކިބަސް ދިނުމަށް ދާ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ނިންމާފައިވާއިރު، މިކަމާ ގުޅޭ އިތުރު މައުލޫމާތު 3340828 ނަންބަރަށް ގުޅުއްވުމުން ސާފުކުރެވޭނެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.