ހަމަލާ ދޭން އުޅުނު މީހުންގެ ގެއިން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލް

ހަމަލާ ދޭން އުޅުނު މީހުންގެ ގެއިން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލް

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2022 07:21
0

މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއްގެ ގެއަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލްގެ ބާވަތެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ނޫސްބަޔާނެއްގައި ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ގެތަކުންނާއި އެ މީހުން ބޭނުންކުރަމުންދާ ބައެއް ގެތަކާއި ބައެއް ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކުރި މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގި އެކްސްޕްލޯސިވް ކެމިކަލްކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ގެ ފަރާތުން ޗެކްކުރުމުން، އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ވަނީ ދައްކާފައިކަމަށެވެ. މި ތަކެއްޗަކީ ވަރަށް ބާރުގަދަ ގޮވުމެއް ގޮއްވާލުމަށް ބޭނުންކުރާ ތަކެތިކަމަށް ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއްކަމާއި، މިވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކުރާކަމަށެވެ.

މިފަދަ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މައްސަލައިގައި ހައްޔަރު މީހުން މަސައްކަތްކުރީ ބާރުގަދަ ގޮއްވާލުމެއް ގޮއްވާލުމަށްކަމަށާއި، އެމީހުން މަސައްކަތް ކުރަމުން ދިޔައީ އައިސިސް ޖަމާތާ ގުޅިގެންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ހައްޔަރުކުރެވުނު 14 މީހުންގެ ތެރެއިން 5 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރެވިފައެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 4 މީހެއްގެ ބަންދުގެ މުއްދަތު ވަނީ 30 ދުވަހަށް އިތުރުކުރެވިފައެވެ. އަދި ބާކީ 5 މީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހުގެ މުއްދަތަށް އިތުރުކުރެވިފައެވެ.

މި އޮޕަރޭޝަންގައި އައްޑޫ ސިޓީ، މާލެ އަދި މާލެ އަތޮޅު ގުރައިދޫއިންވެސް މީހުން ހައްޔަރުކުރިއެވެ. މި އެންމެންވެސް ނިސްބަތް ވަނީ އައްޑުއަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އެ މީހުން އުޅުނީ "ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" ކަމަށެވެ. ގޮއްވާލަން އުޅުނީ ކޮން ތަނެއްތޯ އާއި އޭގެ އިތުރު ތަފުސީލަށް އެދުމުން ފުލުހުން ބުނީ އޭގެ މައުލޫމާތުތައް މި ވަގުތު ހާމަކުރެވެން ނެތް ކަމަށާއި ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.