ވޭލްސް އާއި އެމެރިކާގެ ކުރިމަތިލުން އެއްވަރު

ވޭލްސް އާއި އެމެރިކާގެ ކުރިމަތިލުން އެއްވަރު

ގަތަރު ވޯލްޑް ކަޕް 2022 ގައި ވޭލްސް އާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ ވޭލްސްއިން 64 އަހަރަށްފަހު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުން މުބާރާތަށް ކޮލިފައިވެފައިވަނީވެސް އެންމެ ދެފަހަރެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެމެރިކާއިން ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓިމޯޓީ ވެއާއެވެ. މިއީ ކްރިސްޓަން ޕުލިސިޗްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވޭލްސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ ދެވަނަ ހާފުގައި ވޭލްސްގެ ގެރެތު ބޭލް އަދި ރަމްސީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި ވޭލްސްއަށް ނަތީޖާ އެއްވަރު ކޮށްދިނީ ބޭލްއެވެ. މިއީ އެމެރިކާގެ ކުޅުންތެރިން ބޭލްއަށް އޭރިޔާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ވޭލްސްގެ ގައުމީ ޓީމަށް ބޭލް ޖަހައިދިން 41 ވަނަ ލަނޑެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އެމެރިކާއިން ބައްދަލުކުރާނީ އިންގްލަންޑާއި ދެކޮޅަށެވެ. އަދި ވޭލްސްއިން ބައްދަލުކުރާނީ އީރާނާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.