އިނގިރޭސި ލީގުގައި ވެސްޓްބްރޯމް އަތުން ހަނިގޮތަކަށް މޮޅުވެ މި ސީޒަންގެ ލީގުގައި ފުރަތަމަ ފަހަރަށް ޔުނެއިޓެޑުން އަމިއްލަ ދަނޑުގައި މޮޅެއް ހޯދައިފިއެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނިލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ 56 ވަނަ މިނިޓުގައި ބުރޫނޯ ފެނާންޑޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ފަހަރަށް ޖެހި ޕެނެލްޓީގައިއެވެ. ފުރަތަމަ ފަހަރު ފޮނިވި ޕެނެލްޓީ މެޗުގައި ވެސްޓްބްރޮމްގެ ގޯލު ބެލެހެއްޓި ޔުނައިޓެޑުގެ ކުރީގެ ކީޕަރު ސެމް ޖޯން ސްޓޯން ދިފާއުކުރި ނަމަވެސް އޭރު އޭނާއަށް ހުރެވުނީ ގޯލްގެ ރޮނގުމަތިން ބޭރުގައި ކަމުން އަލުން ދެވަނަފަހަރަށް ޔުނައިޓެޑަށް ޕެނެލްޓީން ޖަހަދިން ފުރުސަތުގައި ބުރޫނޯ ވަނީ ގޯލްތެރަށް ބޯޅަ ވައްދާލާފައެވެ.
މިއީ 2015 ވަނައަހަރު ފަހުން ލީގުގައި ޔުނައިޓެޑުން ވެސްޓްބްރޮމް މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި މިހާތަނަށް މިސީޒަންގައި ވެސްޓްބްރޮމް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މި ނަތިޖާއެކު ޔުނައިޓެޑުން ވަނީ 8 މެޗުން 13 ޕޮއިންޓް ހޯދައިގެން ލީގުގެ 9 ވަނައަށް ކުރިޔަށްޖެހިލާފައެވެ. އެއީ އެއްވަނައިގަވާ ޓޮޓްނަމަށް ވުރެ 7 ޕޮއިންޓް މަދުއަދަދެކެވެ.
ރޭ ލީގުގައި ޗެލްސީ ވަނީ ނިއުކާސަލް ޔުނައިޓެޑު 2-0 ލަނޑުން ބަލިކޮށް 9 މެޗުން 18 ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނައަށް ޖެހިލާފައެވެ. ރޭ ބްރައިޓަން ވަނީ އޯސްޓަން ވިލާ 2-1 ލަނޑުން ބަލިކޮށް 9 މެޗުން 9 ޕޮއިންޓް ހޯދާ ލީގުގެ ތާވަލުގެ 16ވަނައަށް ޖެހިލާފައެވެ.