ލަތީފް ކޮލަމް: މުސްތަފާބޭގެ ހާސްވުން ކުޑަ ބޮޑު ހާސްވުން!

ލަތީފް ކޮލަމް: މުސްތަފާބޭގެ ހާސްވުން ކުޑަ ބޮޑު ހާސްވުން!

ފުރަތަމަވެސް ބުނެލަން އޮތީ މުސްތަފާބެ ހާސްނުވާށެވެ. މިގައުމާ މި ގައުމުގެ މިނިވަންކަމާ އިސްތިގްލާލާއި މާތްވެގެންވާ އިސްލާމްދީން ބޭރު ގައުމެއްގެ އަތްމައްޗަށް ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަންގައިދީ ބުނެދީ ހަދަނީ މި ގައުމުގެ  އެންމެމަތީ ވެރިޔާއެވެ. އެހެންވީއިރު، މުސްތަފާބޭ ހާސްވާންވީ ކޮން ކަމަކާ ހެދިހެއްޔެވެ.  ހާސްނުވާށެވެ.

ޗާގޯސް މައްސަލާއާއި، އިންޑިޔާގެ ސިފައިން ދިވެހި ބިމުގައި ތިބޭ ތިބުމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލާކަން އެގެއެވެ. އެކަމާ މުސްތަފާބެ ހާސްނުވާށެވެ! މުސްތަފާ ބޭވެސް ދިވެހި ރައްޔިތުންވެސް ހިބަރު ވަދަކު ނުޖައްސާނަމެވެ. ހާސްނުވާށެވެ! އަބަދުވެސް ދިވެހިރާއްޖޭން ދެކޭގޮތް ބުނެ ހާމަކުރުމުގައި އެންމެ މަތީ މަޞްލަޙަތު ދަމަހައްޓާނެ ކަމަށް ހަރުއަޑުން ގޮވަމުންދާ  އެއްބޭފުޅަކީ ޚާރިޖީ ވަޒީރެވެ. ހާސްނުވާށެވެ!  އެބޭފުޅާ އެ ވިދާޅުވަނީ، މިކަމުގައި އެންމެމަތީ މަސްލަހަތު ދަމަހައްޓަމުންދާ ކަމުގައެވެ. ދިވެހިނަށް އަދި ދިވެހި ގައުމަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.  މުސްތަފާބެ ނޭވާ ހާސްވެ ކަންބޮޑުވާނެ ކަމެއް ނެތެވެ!

މުސްތަފާބެ އެއްގޮތަކަށްވެސް ހާސްނުވާށެވެ! ދުނިޔޭގެ އެކިއެކި ގައުމުތަކަށް ބެލިކަމުގައިވިޔަސް  މުސްތަފާބެ ދިރިއުޅޭ ދިވެހިރާއްޖެފަދަ އެހެން އެއްވެސް ގައުމެއް މި ދުނިޔޭގައި އެބައޮތްތޯއެވެ. އެހެންވީއިރު މުސްތަފާބެ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ! ގަތާލެވިފައި އޮތް ރަންމުތުގެ ހާރެއްފަދަ ރީތި މި ދިވެހިރާއްޖެއަކީ، ދުނިޔޭގެ އެންމެ ރީތި ގައުމު ތަކުގެ ލިސްޓުން އެންމެ މަތިން ޖާގަލިބޭ ގައުމެއް ނޫންތޯއެވެ. އެހެންވީއިރު މުސްތަފާބެ ހާސްވާކަށް ނުޖެހެއެވެ! ދޮންމީހުންނާ ފަރަންޖީންވެސް އަންނާނެއެވެ. ހާސްނުވާށެވެ!

މި ގައުމުގެ އަމާންކަމާއި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް، މިގައުމުގެ މިނިވަން ކަމަށް ހުރަސް އެޅޭފަދަ އެތައްކަމެއްކޮށް، އެތަކެއް ވާހަކަތަކެއް ދައްކާ ހަދަމުންދާއިރު، އެކަން ދާޚިލީ ވަޒީރަށް މާބޮޑު ކަމަކަށް ނުވެއެވެ. އެކަން އޭނާ ހުއްޓުވާނެއެވެ. އޭނާއަކީ މުޅި ދުނިޔޭގެ ރައީސްކަން ކޮށް, އިންސާނިއްޔަތު ސުލްހަކުރަން އައިސް ހުރި މީހެކެވެ. މުސްތަފާބެ ހާސްނުވާށެވެ! މިގައުމުގައި ހިގަމުންދާ ބޮޑެތި ވައްކަންތަކާ، މާރާމާރީއާ މަކަރާހީލަތް ހެދުމާއި ޓެކުމާއި ފޭރުމާއި ލިވާތު ކުރުންފަދަ ނުރައްކާތެރި ނުބައިކަން ބޮޑު އަމަލުތައް ނުހުއްޓި ދިގުލައިގެން ދިޔަކަމުގައިވިޔަސް ސަލާމަތީ ބާރުތަކުން ދަނީ އެކަންކަން ބަލަމުންނެވެ. މުސްތަފާބެ ހާސްނުވާށެވެ! ރާއްޖޭގައި ހިގަމުންދާ ނޭއްގާނީ ކަންކަމަށް ފިޔަވަޅު ނޭޅި ބައެއްފަހަރު އަތްދަށުން ދިޔަ ކަމުގައި ވިޔަސް އަދި ބޮޑު މުސްތަފާބޭއަށް ބައެއް ފަހަރަށް އެކަންކަމާ އަޅާ ނުލެއްވުނު ކަމުގައި ވިނަމަވެސް މުސްތަފާބޭ ހާސްވާނެ ކަމެއް ނެތެވެ! މިކަން ހައްލުކުރަން ވަގުތު ފާއިތުވެގެންނެއް ނުދެއެވެ. ދުވަސްތައްއޮތީ ކުރިއަށެވެ. އެފުރުޞަތު ދީފިނަމަ އެކަންތައްތައް ހުއްޓުވަން އަދި ފުރުޞަތެއް ނުގެއްލޭނޫންތޯއެވެ. މުސްތަފާބޭ ކަންބޮޑުވެ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ!

ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ ތަކެތީގެ އަގުބޮޑުވެ، ދައުލަތުގެ ބަޖެޓް އެއް އަހަރުން އަނެއް އަހަރަށް އެތައް ބިލިޔަން ރުފިޔާއަކުން ދަރަނި ބޮޑުވެ ދިވެހިރައްޔިތުންގެ އަތުންނަގާ ޓެކްސް ފައިސާ ބޮޑުކޮށް، އިންތިހާއަށް ރުފިޔާ ޗާޕް ކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގުވެއްޓެމުން ދާއިރު، މާލީ ވަޒީރު އަންގަނީ މުސްތަފާބެ ހާސްނުވުމަށް ނޫން ހެއްޔެވެ! ކުރިއަށް އޮތް އަހަރު ފެންނަނީ އުޖާލަކޮށް, ސާދާ ސީދާކޮށް ކަމަށެވެ.

ސަރުކާރުގެ ބަޖެޓާބެހޭ މިނިސްޓަރު ވިދާޅުވަނީ، ސަރުކާރުން ކުރާ ހޭދަތައް އެތައް ގުނައަކަށް އިތުރުވިޔަސް ޚަރަދުތައް ކުޑަނުކުރެވުނަސް އައި.އެމް.އެފުންނާއި ވޯލްޑް ބޭންކު ފަދަ ތަންތަނުން ރާއްޖެ ބަގްރޫޓްވެދާނެ ކަމަށް ބުންޏަސް އެކަމާ މުސްތަފާބެ ހާސްނުވާށެވެ! އެކަން ހަމަޖައްސާނީ އަހަރެމެންނެވެ. ގޭދޮށު މަސްފެކްޓްރީއާ ކަންނެލި ޖަގަހަތަކާ ކަނޑުގެ ރާޅުމަތީގައި އޮންނަ މަސްކިރާ ޕްލެޓްފޯމް އޮތިއްޔާމު ޑޮލަރާ ޔޫރޯއާ ޕައުންޑާއި ރުބެލްވެސް މާލިއްޔަތަށް ވަނުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެއެވެ. މުސްތަފާބެ ހާސްނުވާށެވެ!

މުސްތަފާބޭއެވެ. ރާއްޖެ މިހާ ދަރަނި ބޮޑުވެގެން މިދިޔައީ، ކުރީ ސަރުކާރުން ސިނަމާލެ ބުރިޖާ، ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކޮށް، ފްލެޓްތައް އަޅައި ދަރުމަވަންތަ ހޮސްޕިޓަލާ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް އަޅައި ދިވެހިރާއްޖެއަށް ކުއްލިއަކަށް ގެނައި ބޮޑު ތަރައްޤީގެ ސަބަބުން ވީގޮތެއްކަމަށް ބަޖެޓާބެހޭ ވަޒީރު ނުބުނޭ ހެއްޔެވެ. އެހެންވިޔަސް މުސްތަފާބެ ހާސްވާނެ ކަމެއް ނެތެވެ!

މި ދުވަސްވަރަކީ،  ދުނިޔޭގެ އިގްތިޞާދު އެހާ ތަނަވަސް ދުވަސްވަރެއްނޫން ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުންނާއި ވޯލްޑް ބޭންކުން ބުނަމުން ގެންދާނެއެވެ. އެއީ އެމީހުންނާ ހަވާލުކޮށްފައިވާ ކަމަކަށްވާތީ  އެފަދަ ވާހަކަތައް އަބަދުވެސް ދައްކާނެއެވެ. އެއީ މުސްތަފާބެ ކަންބޮޑުވެ ހާސްވާންޖެހޭވަރުގެ ކަމެއް ނޫނެވެ!

މުސްތަފާބެ ހާސްނުވާށެވެ. ހުންނާންވާނީ ހަމައިގައެވެ. އަޙްމަދު ކާމިލްދީދިއަށް ނިސްބަތްކުރައްވައި މި ސަރުކާރުން ޓިނު ސްކޫލެއް ހުޅުވައިފި ނޫންހެއްޔެވެ. ފަހަރެއްގައިވެސް މިއީ ދިވެހިންގެ ވިސްނުމާ އެއްފެންވަރުގެ ސްކޫލެއްނޫނެވެ. އެހެނީ ދިވެހިންނަކީ ތަރައްޤީއަށް، ނުހަނު ލޯބިކުރާ ބައެކެވެ. ތަރައްގީ ގެނެސް ދީފިއްޔާ, ދެން ކާމީހާ ކެޔަސް, ލާމީހާ ލިޔަސް ދިވެހީން ތިބޭނީ ވަރިހަމަ ކޮށްގެންކަން މުސްތަފާބެއަށްވެސް މިހާރު ފަހުމްވާވަރު ވެއްޖެ ކަމުގައި ހީކުރަމެވެ. އެހެންވީމާ, އަވަށްޓެރި ގައުމެއްގެ ވިސްނުމާ އެއްގޮތަށް މި ސްކޫލް ހެދީކަމަށް ފަހަރުގައި ވެދާނެއެވެ. މުސްތަފާބެ ހާސްނުވާށެވެ!

މި ސަރަހައްދުގެ ބައެއް ގައުމަތަކުގެ އިގްތިސާދު ނާޒުކުވެފައިވާއިރު، އެ ސަރުކާރުގެ ވެރިންގެ އަމަލުތައް ހުންނަގޮތުން އިތުރަށް އިގްތިސާދު ހަލާކުވެގެން އެބަދެއެވެ. އެހެން އެވަނީ އެ ސަރުކާރުތައް ހިންގާން ތިބި ވެރިންގެ އެދުން ބޮޑުވިމަ ކަމަށް މުސްތަފާބެ ގަބޫލު ކުރަންޖެހެއެވެ. އެކަމަކު މުސްތަފާބެ ހާސްނުވާށެވެ! މިރާއްޖޭގައި ވެރި މީހާއަށް ލަފާދޭ މިނިސްޓަރުން ވިދާޅުވަމުންދަނީ ހާސްނުވުމަށެވެ. ކޮންމެ ގޮތެއްވިޔަސް ގައުމު ފުނޑު ފުނޑު ނުވާނެ ކަމަށެވެ. އޭގެ މަޠްލަބަކީ، ލަންކާއަށް ވީގޮތް ނުވާނެއެވެ. ކޮންމެއަކަސް ކުރިއަށް އޮތް އަހަރުގެ ބަޖެޓް 49 ބިލިއަނަށް އަރާފައިވާކަން މުސްތަފާބެއަށް އެނގޭނެއެވެ. މިއަހަރުގެ ޚަރަދުތައްވެސް ހަމަޖައްސަން މިއުޅެނީ އަންނަ އަހަރަށް ލަފާކުރި ބަޖެޓުންކަމަށް މަޖިލިސް މެމްބަރުން ބުނަމުން އެބަގެންދެއެވެ. މުސްތަފާބެ ހާސްނުވެ ހުންނާށެވެ.

މި ރައްޖޭގެ މަސްކަނޑުތަކުން ބޭރުގެ ބޯޓްފަހަރަށް ދައު އަޅައިގެން, ރާއްޖޭގެ މަސްކަނޑުތަކުން ބޭރުގެ ބޯޓު ފަހަރަތަކުން ވައްކަން ކުރިޔަސް, މުސްތަފާބޭ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ. ކަނޑުރޯދިން ވައްކަން ކުރާމީހުން ވައްކަން ކުރާނެއެވެ. ވަގުން ވައްކަން ކުރާނެއެވެ. މުސްތަފާބެ ހާސްނުވާށެވެ! މަސްވެރިން ކިރާމަހަށް ފައިސާ ނުލިބި އޮތްކަމުގައި ވިޔަސް ފަހުން އެފައިސާ ދޭނަމޭ މަސްވެރިން ކައިރީގައި ބުނާށެވެ. ހާސްނުވާށެވެ! ފައިސާ ނުލިބި ހުރި ކޮންމެ ދޯންޏަށް ޖީބު ކާޑެއް ލިބޭނެއެވެ. ހާސްނުވާށެވެ!

ރާއްޖޭގެ ރަށްރަށުގައި ހުރި ހޮސްޕިޓަލް ތަކުގައި ޓެސްޓް ހަދާލެވޭ ފަދަ ގޮތެއް ނެތަސް ހާސް ނުވާށެވެ. ބުނާށެވެ. މާސްކްއަޅައިގެން މާލެ އަންނާށެވެ. އެއިރުން ބަހަކުން ބަހެއް ނުބުނެވޭނެ ތާއެވެ. ޓެސްޓް ހަދަން އައިސްފަ ހިގައިދާނެތާއެވެ. ހާސްނުވާށެވެ! އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތާ ދެ އަހަރުވި ތަންތަން އެބަހުއްޓެވެ. ހާސްނުވާށެވެ! މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދަމެވެ. ހާސްނުވޭ! މާބޮޑަށް ގޯސް ވަންޏާ އާސަންދައިން މާލެ ގެނަސް އައިޖީއެމްއެޗްގައި ބާއްވާށެވެ. ހާސްނުވާށެވެ! ރަށުން ހެދެން ނެތް އެތައް ޓެސްޓެއް އެއްފަހަރާ އެތަނުން ހެދޭނެއެވެ. މުސްތަފާބެ ހާސްނުވާށެވެ! މިހުރިހާކަމެއް ހާސްނުވެ ވާގޮތްމިވީ ޞިއްޙަތާބެހޭ ވަޒީރުގެ ހަރަކާތްތެރިކަމާ ހިންގުންތެރި ކަމުގެ ސަބަބުންނެވެ. ސިއްހަތާބެހޭ ވަޒީރު ބައެއް ފަހަރަށް ނިދިޖެހިފައި އިނަސް މުސްތަފާބޭ ހާސްވާނެ ކަމެއް ނެތެވެ.

މުސްތަފާބެ ހާސްނުވާށެވެ! ބޮޑު މުސްތަފާބެ ހުރީ 2023 އަށް ތައްޔާރަށެވެ. ކަމަރު ބަނދެލައިގެންނެވެ. ބޮޑު މުސްތަފާބޭއާއެކީ ކުރިޔަށް ދިޔައިމަ ހުންނާނީ ރަގަޅަށެވެ. ނެވާ ހާާސްވެ، ދާހިއްލާ، ބޮލަށް އެނބުރުން އަރާގޮތެއް ނުވާނެއެވެ. ގައުމު ދާނީ ކުރިއަށެވެ. މީ އަޅެފަހެ ދޮގެއްތޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.