ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަޑައަޅާ ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަތުމަަށް އެ ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބުއެވެ. ތާލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ ރައީސް ނަޝީދު ކޮޕް-27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ހުށަހަޅައިފައިވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުގެ ރެޖިސްޓްރަރ މިއަދު ނިންމެވި ނަމަވެސް، މައްސަލަ އެ ކޯޓުގައި އިންތިއުނާފް ކުރުމުގެ ފުރުސަތު ހުށަހެޅުއްވި ފަރާތަށް އަދިވެސް އޮންނާނެއެވެ.
މަޖިލިސް މެމްބަރުގެ މެމްބަރުކަމާމެދު ސުވާލު އުފެދިއްޖެނަމަ އެމައްސަލައަކާމެދު ގޮތެއް ނިންމާ ޖެހެނީ ސުޕްރީމް ކޯޓުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އެންމެ ފަހުން ބޭއްވުނު ކޯޕް-27 ސަމިޓުގައި ސްރީ ލަންކާ ތަމްސީލު ކުރެއްވު އެގައުމުގެ ވަފްދުގެ ބައިވެރިއެއްގެ ގޮތުގައި މިސްރަށް ވަޑައިގަތުމުން ރާއްޖެއާއި ސްރީ ލަންކާގައިވެސް ވަނީ ނަޝީދަށް ފާޑު ކިއުން އަމާޒު ވެފައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުން ވިދާޅުވެފައިވަނީ ނަޝީދު ސަމިޓަށް ވަޑައިގެންނެވީ މަޖިލިސް ޚަރަދުގައި ނޫންކަމުގައެވެ.