ހޮނިހިރުދުވަހު ގދ.ފަރެސް މާތޮޑާއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް އިއްޔެ ބަންޑުން ޖަހާލައި އެއިން ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމަށް އެސަރަޙައްދުން 900 އަހަ ނޯޓިކަލް މޭލު، ވައިގެ މަގުންނާއި ކަނޑުގެ މަގުން އިއްޔެއާ ހަމައަށް ބެލިއްޖެކަމަށާ، އަދިވެސް އެމީހާ ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމީހާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެފަރާތުން ވިދާޅުވީ ލޭންޑިން ކްރާފްޓުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާކަމަށާ، އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށް ގެންދާނެކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެކެވެ. ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު 14 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް"ނަމަކަށް ކިޔާ މި ލޭންޑިންގކްރާފްޓް ބަންޑުން ޖަހާލީ އޭގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޮނިހިރު ދުވަހު 12:50 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. އެމްއެންޑީއެފުން ބުނާ ގޮތުގައި ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން ހޮނިހިރު ދުވަހު 16:10 ހާއިރު ގދ.ވާދޫއަށް ގެންދިޔައެވެ.