ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އޮތީ ބަދަހިކޮށް ކަމަށާއި، އެޕާޓީ ފައްތާލަން ކުރަމުންދާ މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާއި ދުރުގައި އަހަރުތަކެއް ވަންދެން ހުރުމަށްފަހު ދާދި ފަހުން އެޕާޓީއަށް ސޮއިކުރި މޫސަ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ބަދަހި ޕާޓީއެއްކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި އެމްޑީޕީން ކުރިމަތިލާނީ ބަދަހި ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް ދިއުމަށް ކަމަށެވެ. އެމްޑީޕީގައި އުޅުނު ކޮންމެ މީހަކީވެސް އެޕާޓީގެ އަސާސްތައް ރަނގަޅަށް އެގޭނެ މީހެއް ކަމަށާއި، އެމްޑީޕީ ފައްތާލުމަށް ކުރާ މަސައްކަތަކީ ކާމިޔާބު ވާނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.
MDP އޮތީ ގަދަކޮށް އިންތިޚާބަށްވެސް ނުކުންނާނީ ބަދަހިކޮށް. އެތެރެއެއް ބޭރެއް ކިޔާނެކަމެއްނެތް MDPން އުފެއްދި ކޮންމެ ސިޔާސީ މީހަކީ މިޕާޓީގެ އަމާޒާ މިސްރާބު ރަނގަޅަށް ދަންނަމީހުން. މިއޮޑިއެއްފައްތައެއް ނުލެވޭނެ. މާލިމީންނާ ފަޅުވެރިންނަށް ފައްތާނުލެވޭ ވަރަށް އޮޑިބަނީ.
– މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި މިސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން މަޖިލީހުގައާއި، ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންދާއިރު، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލީހުގައި ހިމެނޭ މެމްބަރުން ވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ. މަރަލާފާއިވާ މީހުންނާއި ގެއްލިފައިވާ މީހުންނަށް އިސާފު ހޯދުމަށް ވީވައުދުތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވީ ވައުދާއި، އިންސާފަށް ވެފައިވާ ގިނަ ވައުދުތައް ނުފުއްދުމަކީ ސަރުކާރުން އިތުރު ދައުރަކަށް ކުރިމަތިލާއިރު ވިސްނާލަންޖެހޭ ކަންތައްތަކެއްކަމަށް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ނިމިދުޔަ ބަޖެޓް ބަހުސްގައިވެސް އިދިކޮޅު މެމްބަރުން ސަރުކާރަށް ނުކުރާ ވަރަށް ޕްރެޝަރު ރައީސް ނަޝީދަށް ތާއީދުކު ކުރާ މެމްބަރުން ވަނީ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ