އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާއިމެދު މަރުކަޒީ ބޭންކު އެމްއެމްއޭއިން ދެއްވާފައިވާ ލަފާގައި ބޮޑެތި ކަންބޮޑުވުންވުންތަކެއް ހުރުމުން މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ހޫނު ރައްދުތަކެއް މިއަދުގެ ކޮމެޓީގައި ދެއްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް އެމްއެމްްއޭއިން ދިން ލަފާގައި ހިމެނޭ އެންމެ މުހިއްމު އެއް އިރުޝާދަކީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑުނުކުރުމެވެ. ދައުލަގެ ރިކަރެންޓް ހަރަދުކުޑަކުރަން ވެސް އެމްއެމްއޭގެ އިސްތިޝާރީ ލަފާގަައި އިރުޝާދު ދިނެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ސަރުކާރަށް ތާއީދުކުރާ ރައީސް ޞާލިހުގެ މެމްބަރުން ވަނީ އެމްއެމްއޭގެ ލަފަޔަކީ ސީދާ ވަކި ސިޔާސީ ބޭނުމަކަށް ނެރުއްވާފަިއވާ ލަފައެއްކަމަށް ތުހުމަތު ކުރައްވާފައެވެ. ސީދާ ނަން ވިދާޅުވި ނަމަވެސް މިލަފަޔަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އެމްއެމްއޭގެ ގަވަރުނަރު ގުޅިގެން ނެރުއްވާފައިވާ ލަފައެއްކަމަށް ގިނަ މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.
ބަޖެޓު ކޮމެޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ، އެމްއެމްއޭ އިން ނެރެފައިވާ ލަފައަކީ އަސްލު މަންޒަރަށް ބަލައި، ނެރުނު ޕްރޮޕެޝަނަލް ލަފަޔައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޝަރީފު ވިދާޅުވީ، ދުނިޔޭގެ އެންމެ ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށްވާ ޖަޕާން ފަދަ ގައުމުތަކުގައި އެއް ޕަސެންޓަށް ވުރެ ދަށުގައި ހުރި އިންފްލޭޝަން ރޭޓު މިހާރު ވަނީ 9-11 ޕަސެންޓަށް އަރާފައި ކަމަށެވެ. އަދި އެމެރިކާ އާއި އިންޑިއާގެ އިންފްލޭޝަން ރޭޓު އިންތިހާ އަށް މައްޗަށް ގޮސްފައި ހުރި އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ތިން ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދު ހުރުމުން އެމްއެމްއޭއިން ދިން ލަފާގައި އޮޅުވާލައިފާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭގެ ލަފަޔަށް ފާޑުވިދާޅުވެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ތުހުމަތުމަތުކުރެއްވީ އެމްއެމްއޭގެ ލަފާ އޮތީ އެއް ފަރާތަކަށް ބުރަވެ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަން ކޮށްފައި ކަަމަށެވެ. އެމްއެމްއޭގެ ލަފާގައި ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އެންމެ އަވަހަށް ރަނގަޅުވާން ފެށީ ރާއްޖޭގެ އިގުތިސާދު ކަމަށާއި އެއީ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމާ ކަމަށާއި އެހެން ނަމަވެސް ލަފާގައި އެކަން ފާހަގަކޮށްފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތް ކުރާ އިރު މިއީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި އޮތް ލަފައެއް ކަަމަަށް އަޅުގަނޑަށް ފާހަގަކުރެވުނީ. ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ނެރެގެން މިތަނަށް ފޮނުވާފައި އޮތް ލަފައެއް ކަމަށް.
– ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވި އިރު، އެ ބޭފުޅުން އެ ލަފާ ސިފަ ކުރެއްވީ ސިޔާސީ، އަދި ވަކިއަތަކަށް ބުރަވެ ގަވަރުނަރު ދެއްވި ލަފައެއްކަމަށެވެ. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވީ، އެމްއެމްއޭއިން ނެރުނު ލަފަޔަކީ ސިޔާސީ ގޮތުން ވަކި ބަޔަކާ ގުޅިގެން ގަވަރުނަރު ކުރެއްވި ކަމެއް ކަމަށެވެ.
މިއީ ހަމަ ސީދާ ސިޔާސީ އޮޕީނިއަންއެއް. އަޅުގަނޑަށް މި ފެންނަނީ ސަލާމަތީ ބާރުތަކުގެ ސަޕޯޓް ނުލިބުނީމަ ސަރުކާރު ވައްޓާލަން އެމްއެމްއޭގެ ސަޕޯޓު ހޯދައިގެން އެކަން ކުރަން ބަޔަކު މަސައްކަތް ކުރާކަން.
– ޔައުގޫބް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި، އެމްއެމްއޭގެ ލަފަޔާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ޓެކްނިކަލް ސުވާލުތަކަށް ޖަވާބުދެއްވި ނަމަވެސް ސިޔާސީ ގޮތުން ކީ ފާޑުކިއުންތާއި ސުވާލުތަކަށް ވެސް ގަވަރުނަރު އަލީ ހާޝިމް ޖަވާބެއް ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން 2022 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/7P7K2rnAel
— People's Majlis (@mvpeoplesmajlis) November 13, 2022
މެންބަރުގެ ހިންހަމަނުޖެހުންތަކާ ގުޅޭ ގޮތުން އަލީ ހާޝިމް ވިދާޅުވީ، މި ލަފަޔަކީ ރާއްޖޭގެ އާމްދަނީ އާއި ހަރަދާ އަޅާ ކިޔާ ދީފައިވާ ލަފައެއް ކަމަށެވެ. އަދި ވޭތުވެދިޔަ ކޮންމެ އަހަރަކު ވެސް އެމްއެމްއޭގެ ލަފާގައި މިކަންކަން ހިމަނާފައިވާނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ވަކި ފަރާތަކަށް ބުރަވެ ދެއްވާފައިވާ ލަފައެއް ނޫން ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.
އަދި މި އަހަރުގެ ލަފާގައިވާ ހަމައެކަނި ތަފާތަކީ ޓެކްސް ބޮޑުކުރުމުގެ ވަގުތާ ދޭތެރޭ އޮތް ހިޔާލު ތަފާތުވުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ