ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ގދ.ފަރެސް މާތޮޑާއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް އިއްޔެ ބަންޑުން ޖަހާލައި އެއިން ކަނޑަށް ވެއްޓި ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެފަރާތުން ވިދާޅުވީ އިއްޔެ ލޭންޑިން ކްރާފްޓުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާކަމަށާ، އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށް ގެންދާނެކަމަށެވެ. އަދި މިމަސައްކަތުގައި މިހާތަނަށް ބެލުނު ސަރަޙައްދު މިއަދުގެ ހަވީރު ހާމަކުރާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެކެވެ. ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު 14 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް"ނަމަކަށް ކިޔާ މި ލޭންޑިންގކްރާފްޓް ބަންޑުން ޖަހާލީ އޭގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 12:50 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. އެމްއެންޑީއެފުން ބުނާ ގޮތުގައި ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން އިއްޔެ 16:10 ހާއިރު ގދ.ވާދޫއަށް ގެންދެވިފައިވާއިރު، ހަތަރު ވަނަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *