ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އެލޮން މަސްކު ޓުވިޓަރ ގަތުމަށްފަހު، އެ ޕްލެޓްފޯމުގެ ވެރިފިކޭޝަން ސިސްޓަމަށް ގެނެސް، ވެރިފައި ކުރުމަކާ ނުލާ ނޫ ބެޖް ވިއްކަން ފެށުމާއެކު، ޓުވިޓަރ ޕްލެޓްފޯމުގައި ގިނަބަޔަކު ދުނިޔޭގެ މަޝްހޫރު ޝަޚުސިއްޔަތުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިފިއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބު ނިމި، ޓުވިޓަރ 8 ޑޮލަރަށް ނޫބެޖް ގަތް ފަރާތްތަކަށް ޚިދުމަތް ދޭން ފެށުމާއެކު ނޫ ބެޖާއެކު އެންމެ ފުރަތަމަ އާންމުވެގެންދިޔަ ފޭކް އެކައުންޓުތަކުގެ ތެެރޭގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި، އެގައުމުގެ ކުރީގެ ރައީސް ޖޯޖް ބުޝްއާއި، އެންބީއޭގެ މަސްހޫރު ތަރި ލެބްރޮން ޖޭމްސްގެ އިތުރުން އެލޮން މަސްކުގެ އަމިއްލަ، ކާރު އުފައްދާ ކުންފުނި ޓެލްސާ ކުންފުނިވެސް ހިމެނެއެވެ.
ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ޓުވިޓަރއިން ނޫ ބެޖް ވިއްކަން ފަށާފައިވާއިރު، ބެޖް ގަނެފައިވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބުޝްގެ ނަމުގައި ފޭކް އެކައުންޓު ހެދި ފަރާތުން އޭނާގެ ޓުވިޓަރގައި ހިތާމަވެރި އިމޯޝަންއެއް ފެންނާންހުރި އިމޯޖީއާއެކު ބުނެފައިވަނީ "އިރާގުގެ ރައްޔިތުން ގަތުލު ކުރުން ވަރަށް ހަނދާންވޭ" ކަމުގައެވެ.
އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ ނަމުގައި ފޭކް އެކައުންޓް ހެދި މީހާވަނީ ބުޝްގެ ޓުވީޓު ރީޓުވީޓް ކޮށްފައެވެ. އެ ޓުވީޓު ރީޓުވީޓު ކުރަމުން އޭނާ ބުނެފައިވަނީ "މިއީ އަހަރެން އެއްބަސްވާކަމެއް" ކަމުގައެވެ.
ޓުވިޓަރ ނޫ ބެޖާއެކީ ފޭކް އެކައުންޓް ހެދި ފަރާތްތަކުގެ ތެރޭގައި، އެމެރިކާގެ ލޮސް އެންޖަލްސްގެ މަޝްހޫރު ބާސްކެޓް ބޯޅަ ޓީމެއްކަމުގައިވާ ލޭކާރސްގެ ފޯވަޑް ޖޭމްސްވެސް ހިމެނޭއިރު އޭނާގެ ނަމުގައި ނޫ ބެޖާއެކީ ފޭކް އެކައުންޓު ހެދި މީހާވަނީ އޭނާ އެހެން ޓީމަކަށް ބަދަލުވާން ނިންމާފައިވާ ކަމުގައި ޓުވީޓު ކޮށްފައެވެ.
Following sports transactions and news could become a total mess with the new verification system
Already fake LeBron and Aroldis Chapman tweets going around pic.twitter.com/vQgMqws1W0
— Joon Lee (@joonlee) November 9, 2022
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ނަމުގައިވެސް ފޭކް އެކައުންޓް ހަދާފައިވާއިރު، ޖަޕާނުގެ މަޝްހޫރު ކޮމްޕިއުޓަރ ގޭމް އުފައްދާ ކުންފުނި ނިޓެންޑޯގެ ނަމުގައިވެސް ފޭކް އެކައުންޓު ހަދާފައިވެއެވެ. ނިޓެންޑޯގެ ނަމުގައި ފޭކް އެކައުންޓު ހެދި މީހާވަނީ ޖެއްސުން ކުރުމުގެ ގޮތުން އޭނާގެ އެކައުންޓުގައި ފޮޓޯއެއް ޝާއިއު ކޮށްފައެވެ.
Can't imagine why all the advertisers are pulling out of Twitter lmao pic.twitter.com/pg55WXkxhS
— Jason Schreier (@jasonschreier) November 9, 2022
ޓުވިޓަރއިން މިހާރުވަނީ މި ފޭކް އެކައުންޓްތައް ސަސްޕެންޑް ކޮށްފައެވެ.
44 ބިލިއަން ޑޮލަަރަށް ޓުވިޓަރ ގަނެފައިވާ އެލޮން މަސްކު ބުރާސްފަތި ދުވަހު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެހެން މީހެއްގެ ނަމުގައި ހަދާ އެކައުންޓުތަކުގެ އެއީ އެހެން މީހެއްގެ ނަމުގައި ހިންގާ އެކައުންޓެއްކަން އެގޭ ގޮތަށް ‘parody’ މި ނަން ޕްރޮފައިލްގައި ޖަހާފައި އިންނަންވާނެ ކަމުގައެވެ.
ޓުވިޓަރގެ ވެރިފިކޭޝަން ސިސްޓަމަށް ގެނައި ބަދަލުތަކާއި ގުޅިގެން އެ ޕްލެޓްފޯމުގައި އިސްތިހާރު ކުރާ ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ޓުވިޓަރގެ އާ އުސޫލުތައް ޔަގީންވަންދެން ބައެއް ބޮޑެތި ކުންފުނިތަކުންވަނީ އެ ޕްލެޓްފޯމުގައި އިސްތިހާރުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.