ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާފަދަ ހިތާމެތި ޙާދިސާތައް ތަކުރާރު ނުވާނެފަދަ ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް އިދިކޮޅު ޕީޕީއެމްއިން ސަރުކާރަށް ގޮވާލައިފިއެވެ. ޕީޕީއެމްއިން މިކަމަށް ގޮވާލެއްވީ މިއަދު ނެރުނު ބަޔާނެއްގައެވެ. މި މިޙާދިސާގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ޕީޕީއެމް/ޕީއެންސީިން ވަނީ ގޮވާލާފައެވެ.
"އަލިފާނުގެ ހާދިސާ ހިނގި ގޭގެ އިތުރުން ކައިރި ގޭގެއަށްވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާ ތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ޢާއިލާތަކަށް ހަމްދަރުދީވާ ހާލު، އެފަރާތްތަކަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް މިކޯލިޝަންގެ އިޚުލާސްތެރި ޝުކުރު ދަންނަވަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި ވަނީ މިފަދަ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާކަމަށެވެ. މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކާ އޮއްބާލާ އުސޫލު ދޫކޮށްލައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް ކއެކަށައެޅުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ