އަލިފާނުގެ ޙާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

އަލިފާނުގެ ޙާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

Author
ޢަލީ އާދަމް
10 ނޮވެމްބަރ 2022 02:14
0

މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން މިރޭ ބާއްވަން ހަމަޖައްސަވާފައި އޮތް ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފިއެވެ.

މިޖަލްސާ ފަސްކުރެއްވީ ރޭ ދަންވަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. ޖަލްސާ ފަސްކުރެއްވިކަން ހާމަކުރައްވައި ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ ރޭގެ އަލިފާނުގެ ހާދިސާއާގުޅިގެން، މިރޭ ބާއްވަން ހަމަޖައްސަވާފައި އޮތް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވަާފައިވާކަމަށެވެ.

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.