ނަޝީދު މަޖިލީހުން ދުރުކުރަންޖެހޭތާ ކިތަންމެ ދުވަހެއް: އަލީ ޒައިދު

ނަޝީދު މަޖިލީހުން ދުރުކުރަންޖެހޭތާ ކިތަންމެ ދުވަހެއް: އަލީ ޒައިދު

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2022 09:00
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުންނާއި، މަޖިލިސް މެމްބަރުކަމުން ރައީސް މުހައްމަދު ނަޝީދު ދުރު ކުރަން މާބޮޑަށްވެސް ލަސްވެފައިވާކަމަށް ދިނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ޝައިޚު ޒައިދު ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި އިންނަވައިގެން މަޖިލީހުގެ ހައިބަތާއި، ކަރަމާތަށް ހުތުރުވާ ގޮތަށް އެތަކެއް ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ. އަދި މަޖިލީހުގެ ކަރާމާތަށްޓަކައިވެސް ނަޝީދު މެމްބަރުކަމުން ވަކިކުރަންޖެހިފައިވާކަމަށެވެ.

އެމަގާމުން ރައީސް ނަޝީދު ދުރުކުރަންޖެހޭތާ ކިތަންމެ ދުވަހެއް! އެ މަގާމުގެ ހައިބަތަށްޓަކައިވެސް އެމަގާމުން ދުރުކުރަންޖެހޭ ކިތަންމެ ވާހަކަފުޅެއް ވަނީ އިސްވެދިޔަތާގައި ރައީސް ނަޝީދު ދައްކަވާފައި! ކޮންމެ ބަޔަކު ކުރިޔަސް، ސަރުކާރުން ކުރިޔަސް މި ކުރަނީ ހަމަ ރަނގަޅު ކަމެއް! ތާއީދުކުރަން.

– އަލީ ޒައިދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް މިއަދު އެ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ނަޝީދު، ސްރީ ލަންކާ ތަމްސީލުކުރައްވާތީވެއެވެ. މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ހުށަހަޅައިފައިވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށާއި ނަމަވެސް ނަޝީދުގެ މި އަމަލު، ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލުކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދް
ދީން ކިޔަވައިގެން އައިސް މިދައްކަނީ ސިޔާސީ ވާހަކަ! ދީނާ ޚިލާފު އެތަށް ޤާނޫނެއްހަދާ އެތަށް ވާހަކައެއްދައްކާ ތަނެއްގެ ކޮން ހައިބަތަކާ ކަރާމާތެއްތޯ އޮތީ؟
B Birubodu
ހަމަހައްގު ތެދެއް އަންނިސޮރު ވަކިކުރަންވިތާ އަަހަރެއްވެއްޖެ ލަސްވެއްޖެ ހަމަމިހާރު ވަކިކުރޭ ގޯޅިތަށް އަމަންވާނެ ވަރަށް ވަރަށްސާފް