ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބުއެވެ. ތާލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ ރައީސް ނަޝީދު ކޮޕް-27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ހުށަހަޅައިފައިވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.
އެގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށާއި ނަމަވެސް ނަޝީދުގެ މި އަމަލު، ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލުކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައިނުވެއެވެ. ކޮޕް ސަމިޓްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ކޮޕް ސަމިޓަށް ފުރާވަޑައިގެންނެވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.