ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލްގެ ކުރިމަތިލުމެއް

ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލްގެ ކުރިމަތިލުމެއް

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2022 08:50
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުުރުގައި މިިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

މިއީ މި މުބާރާތުގައި ފަހަކަށް އައިސް މި ދެ ޓީމު ބައްދަލުކުރަން ޖެހުނު ތިން ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ފައިނަލުން 1-0 އިން ރެއާލް މޮޅުވިއިރު، 2018 ގެ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް 3-1 އިން ބަލިކޮށްފައެވެ. މުބާރާތުގެ ގުރުނެގުން އޮތީ މިއަދު މެންދުރު ސްވިޒަލެންޑުގެ ނިޔޯންގައި ހުންނަ ޔުއެފާގެ ހެޑްކުއާޓަރުގައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. ބަޔާނުން ހަަ ސީޒަނުގެ ތެރޭގައި ތިން ވަަނަ ފަހަރަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި މި ފަހަރުގެ، ޕީއެސްޖީއާ ދެކޮޅަށް ގަދަ 16 ބުރުގައި ކުޅެން ޖެހުމަކީ ޗެލެންޖެކެވެ.

ގަދަ 16 ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ. މުޅިން އަލަށް ނޮކައުޓް ބުރުގައި ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖުން ދެ ވަނަ ބުރުގައި ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ. ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ އޭސީ މިލާނުން ދެ ވަނަ ބުރުގައި ކުޅޭނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އިންޓަ މިލާނުން ޖެހިޖެހިގެން ދެ ވަނަ އަހަރަކު ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭއިރު، އެ ޓީމު މި ފަހަރު ވާދަކުރާނީ ޕޯޓޯއާ އެވެ. ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޗެލްސީން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގައެވެ. ދެ ވަަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 7،8 އާއި 14،15 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.