ދަރަނި ނުދެއްކި އެފްއޭއެމް ހުޅުމާލޭ ބިމުން ބައެއް އެޕޯލޯއަށް ދީފި

ދަރަނި ނުދެއްކި އެފްއޭއެމް ހުޅުމާލޭ ބިމުން ބައެއް އެޕޯލޯއަށް ދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ ބޮޑު ދަރަި އަދާނުކުރެވިގެން، އެޗްޑީސީން އެފްއޭއެމްއަށް ކުއްޔަށް ދީފައިވާ ބިމުން ބައެއް އެކުންފުންޏަށް ދީފިއެވެ. އެ ބިމުން ބައެއް ދިނީ 25 އަހަރު ދުވަހުގެ މުއްދަތަށެވެ.

މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމުން އެޕޯލޯއަށް ބިމުން ބައެއް ދިނީ ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެންނެވެ. ސިވިލް ކޯޓުން ވަނީ  2021 ޑިސެމްބަރު23  ގައި ދެ ފަރާތުން ސޮއިކޮށްފައިވާ ސެޓުލްމަންޓް އެގްރީމެންޓެއްގެ ދަށުން އެފްއޭއެމުން ދައްކަންޖެހޭ 2.6 މިލިއަން ޑޮލަރު ނުވަތަ 40 މިލިއަން ރުފިޔާއެއްފަހަރާ ހޯދުމަށާއި،  ފައިސާ ނުދައްކާ ހޭދަވާ މުއްދަތުގެ ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށެވެ.

މީގެ އިތުރުން އެއްބަސްވުމުގައި ނެތް އިތުރު މަސައްކަތެއް ކުރުމުގެ އަގެއްގެ ގޮތުގައި، އެ ކަމަށް އިންވޮއިސްކުރުމުން 296،000 ޑޮލަރު ނުވަތަ 4.5 މިލިއަން ރުފިޔާ ދެއްކުމަށާއި އެޕޯލޯ އިން ކޮށްފައިވާ އިމާރާތް އެފްއޭއެމްއާ ހަވާލުކުރަން ޖެހޭނީ ފައިސާ ދައްކައި ހަލާސްކުރުމަށް ކަމަށް ކަނޑައަޅައިދިނުމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެފްއޭއެމުން ދައުވާއަށް ޖަވާބު ހުށަހަޅާފައި ވަނިކޮށް، އެޕޯލޯގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި މުހައްމަދު ވަހީދު ޖާމިނުވެ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އޮކްޓޫބަރު 31 ގައި ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ޖޫން 14 ގައި އެއްބަސްވީ އެޕޯލޯ އަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ 13 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބަދަލުގައި، ހުޅުމާލޭން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާނުލައި 25 އަހަރަށް ދިނުމަށްވެސް ޙުކުމުގައިވެއެވެ.

މި ދަރަންޏަކީ 13 މިލިއަންކަމުގައި ވީނަމަވެސް ހަގީގީ ޢަދަދު 45 މިލިއަނަށް އަރައެވެ. އެހެންކަމުން އެފްއޭއެމް އިން ހަދާ ޓްރެއިނިން ފެސިލިޓީގެ ބިމުން ބައެއް ވަނީ އެޕޯލޯއަށް ދީފައެވެ.

މިގޮތަށް ދެފަރާތުން އެއްބަސްވެ އެކަން ވަނީ ކޯޓަށް އަންގާފައެވެ.އަދި ސިވިލް ކޯޓުގެ ޤާޟީ ރިޒްމީނާ އިދުރީސް ވަނީ ދެފަރާތުން އެއްބަސްވި ގޮތަށް އަމަލުކުރުމަށްވެސް ޢަމުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *