ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރަނގަޅުވާނީ ރައްޔިތުންގެ މަޖިލީހަށް ރޮށި ފިހަންކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ފާޑުވިދާޅުވެއްޖެއެވެ. މުސްޠަފާ ރޮޒައިނާއަށް ފާޑުވިދާޅުވެފައިމިވަނީ، ކޮޕް ސަމިޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސްރީލަންކާ ތަމްސީލްކުރައްވާތީ އެކަމާއި ގުޅެގޮތުން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ކޮޕް ސަމިޓުގައި ރާއްޖޭގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަމްސީލްކުރައްވަނީ ލަންކާއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއްކަމަށްވެސް ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ރޮޒައިނާ ވަނީ މަޖިލީހުގެރައީސްއަށް ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އެހެން ޤައުމެއް ތަމްސީލް ކުރެވިދާނެތޯ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި ސުވާލުކުރައްވާފައެވެ. އެއީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އޭނާގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެ މުސްޠަފާ ވިދާޅުވީ ރޮޒައިނާ އެންމެ ރަނގަޅުވާނީ މަޖިލީހަށް ރޮށި ފިހަންކަމަށެވެ.
Roxeynaa Majilis ah roshi Fihan rangalhu vaane kamah geney. pic.twitter.com/gpOY9vQAqJ
— Mohamed Musthafa (@Thimarafushi) November 6, 2022
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިޞްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގަތީ ހުކުރުދުވަހު ހެނދުނުއެވެ. ރައީސް ނަޝީދު ކޮޕް27 ގައި ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ޤައުމީ ވަފުދު މެމްބަރެއްގެ ގޮތުގައެވެ.
ކޮޕް27 ގައި ބައިވެރިވުމަށް ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ފުރާވަޑައިގެންފައެވެ. ކޮޕް 27 އިންތިޒާމު ކުރަނީ މިޞްރު ސަރުކާރުންނެވެ. މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.މި ސަމިޓްގައި ދުނިޔޭގެ އެތައް ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.
ރައީސް ނަޝީދަކީ މޫސުމީ މައްސަލަތަކުގައި ވަކާލާތު ކުރާ ދުނިޔޭގެ ފެންވަރުގެ ލީޑަރެއް ނަމަވެސް ސަރުކާރުން މިފަހަރު ކޮޕް27 އަށް ނަޝީދަށް ފުރުސަތު ނުދެއްވީ ކީއްވެކަމެއް ނޭގެއެވެ. ނަމަވެސް ސިޔާސީ ގޮތުން ރައީސް ނަޝީދާއި، ރައީސް ޞާލިހާއި ދެމެދު ވަރަށްބޮޑަށް ޚިލާޔް ތަފާތުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ވަފުދުން ރައީސް ނަޝީދަށް ފުރުސަތު ނުލިބި, އެހެން ޤައުމެއް އެމަނިކުފާނު ތަމްސީލު ކުރައްވާއިރު ރައީސް ނަޝީދުއަކީ ކޮޕް ބައްދަލުވުމުގައި އެންމެ ގިނައިން ބައިވެރިވެވަޑައިގެން ރާއްޖޭގެ ނާޒުކުކަމާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއާއި ރާއްޖެފަދަ ކުދި ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ ފާއިތުވި 15 އަހަރުގައި ބޭއްވި ކޮޕްގެ ހުރިހާ ބަައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުކޮށް, އެ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ