ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު، ޖެރާޑް ޕީކޭ މާދަމާރޭ ބާސެލޯނާގައި ކުޅޭ މެޗަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ޕީކޭ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށް ބުނީ، އޭނާ ކުރިން ވެސް ހާމަކުރި ގޮތަށް ބާސެލޯނާ އަށް ފަހު ދެން އިތުރު ޓީމަކަށް ކުޅުމެއް ނޯންނާނެ ކަމަށެވެ. އެެހެންވެ، ބާސެލޯނާ އަށް ކުޅުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ކަމަށް ޕީކޭ ވަނީ ބުނެފައެވެ. ޕީކޭގެ ފަހު މެޗަށް ވާނީ ބާސެލޯނާ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ އަލްމެރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
2004 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ ބާސާގެ ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ހުރެއެވެ. މެންޗެސްޓަރ ޔުނައިޓެޑާ އެކު 2007-2008 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގު ކާމިޔާބުކުރިއެވެ.
ބާސެލޯނާއަށް ބަަދަލުވެ އެ ކްލަބަށް 600 އަށްވުރެ ގިނަ މެޗު ކުޅެ, 30 ތަށި އުފުލާލިއެވެ. އޭގެ ތެރޭގައި ތިން ޗެމްޕިއަންސް ލީގާއި, ލަލީގާ އަށް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އެކަމަކު މި ސީޒަންގައި ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. ލަލީގާ ތާވަލްގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑްގެ ފަހަތުން ދެ ވަނައިގައެވެ. ޕީކޭ ވަނީ 2018 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޤައުމީ ޓީމަށް 102 މެޗު ކުޅުނެވެ. އެ މުއްދަތުގައި ވޯލްޑް ކަޕާއި, ޔޫރަޕިއަން ޗެމްޕިއަންޝިޕް އުފުލާލިއެވެ.
ޖެރާޑް ޕީކޭގެ ފަހު މެޗަކަށް ވާނީ ހޮނިހިރު ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 01:00 ގައި ބާސާގެ ދަނޑުގައި އަލްމެރިއާ އާ ވާދަކުރާ މެޗެވެ.