ކުލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައި، "18/30 ވިމެންސް ފުޓްސަލް ފިއެސްޓާ 2022″ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.
ޑީއެސްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެމްޕީއެލްއާ ބައްދަލުކޮށް 10-2 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގައި ސިފައިން ވަނީ ފެށުން ރަނގަޅުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ސިފައިންގެ ޓީމުން އިތުރަށް ކުޅުން ރަނގަޅުކޮށް، އެމްޕީއެލް ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އަދި، އެމްޕީއެލް ޓީމުން ލަނޑެއް ޖެހުމަށް މުޅި ޓީމް ކުރިއަށް ޖެހުނު ދަނޑިވަޅުގެ ފައިދާ ނަގައި ސިފައިންގެ ޓީމުން، ކައުންޓަރ އެޓޭކްގައި އެމްޕީއެލް ކޮޅަށް 7 ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ޖާޒީ ނަމްބަރު 11، ސަބީނާ ޚާތުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލެވެ.
މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ކުއީން އޮފް ފުޓްސަލާއި ޗެމްޕިއަންޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއި މުބާރާތުގެ އެންމެ ގިނަ ޖޯލު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ޖާޒީ ނަމްބަރު 11، ސަބީނާ ޚާތުންނެވެ.
Congratulations to the women's team of DSC (Dhivehi Sifainge Club) @MNDF_Official for being crowned the champions of 18/30 Women's Futsal Fiesta 2022. pic.twitter.com/C460AORpcq
— Maj. Gen. Abdulla Shamaal (@CDFofMNDF) November 3, 2022
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސިފައިންގެ ތިން ކުޅުންތެރިން ހިމެނުނެވެ. އޭގެ ތެރޭގައި ޖާޒީ ނަމްބަރު 11، ސަބީނާ ޚާތުންނާއި، ޖާޒީ ނަމްބަރު 7 މަޓްސުޝިމާ ސުމައްޔާގެ އިތުރުން ޖާޒީ ނަމްބަރު 31 ކޯޕްރަލް ސާއިގާ ޙަސަން ހިމެނެއެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ޖާޒީ ނަމްބަރު 10 ފާތިމަތު ތީބާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު އަޙްމަދު ތޯހާއެވެ.
ދިވެހި ސިފައިންގެ ކުލަބުން "18/30 ވިމެންސް ފުޓްސަލް ފިއެސްޓާ 2022″ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިއީ ތިންވަނަ ފަހަރެވެ.
ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާއި ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިން ކުލަބު ރައީސްގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.