އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިނަމަވެސް ޕީޕީއެމް/ޕީއެންސީ އާއި ނުގުޅޭނަން: ނާޒިމް

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިނަމަވެސް ޕީޕީއެމް/ޕީއެންސީ އާއި ނުގުޅޭނަން: ނާޒިމް

Author
މުޙައްމަދު ޖިމީ
04 ނޮވެމްބަރ 2022 08:20
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިދިކޮޅު ޕާޓިއެއްގެ ގޮތުގައި މަސައްކަތް ކުރިނަމަވެސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ކޯލިޝަން ހަދައިގެން ނުވަތަ އެކުގައި މަސައްކަތް ނުކުރާނެކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އިން ބޭއްވި އެޕާޓިގެ ގައުމީ ހިންގާ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަަފުޅު ދައްކަވަމުން ކާނަލް ނާޒިމް ވަނީ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި މަސައްކަތްކުރިނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއެކު މަސައްކަތް ނުކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްއެންޕީ އިން ތާޢީދުކުރާ ބައެއް ކަންކަމަށް ޕީޕީއެމް/ޕީއެންސީ އިން ތާޢީދުކުރިނަމަވެސް އެ ފަރާތްތަކާއެކު މަސައްކަތް ނުކުރާނެކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްއެންޕީ އިން ރިޔާސީ ކެނޑިޑޭޓެއް ނެރޭކަން އިއުލާންކުރައްވާފައެވެ. އަދި އެ އިންތިޚާބުގައި ވާދަކުރާނީ އެއްވެސް ބަޔަކާ ކޯލިޝަން ނުހަދައި އެޕާޓީ އެކަނިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެމްއެންޕީގެ ކައުންސިލްއިން ނިންމާފައިވާއިރު އެޕާޓީ ފާހަގަވެގެން ގޮސްފައިވަނީ ފެށުނީއްސުވެސް ރައީސް އިބުރާހިމް މުހައްމަދު ސާލުހުގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ ޕާޓީއެއްގެ ގޮތުގައެވެ. އަދި ފަހަކަށްއައިސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހޫނުވެފައިވާ ޗާގޮސްގެ މައްސަލާގައި އެޕާޓީންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެޕާޓީންވަނީ ޗާގޮސްގެ މައްސަލާގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ހޯދުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމުނު އެންމެ މުހިންމު ނިންމުމަކީވެސް ސިޔާސީ މައިދާނުގައި ޕާޓީގެ ސްޓޭންޑް ކަނޑައެޅުމެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އަދި ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީގެއެއްގެ ގޮތުގައި އޮތުމަށް ހުށަހެޅުމުން، އެހުށަހެޅުމަށް ތާޢީދުކުރެއްވީ ޕާޓީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލެވެ.

މިހުށަހެޅުމަށް ކުރެވުނު ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވީ ރައްޔިތުންނަށް މަންފާހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުންވެސް ނުލިބޭކަމުގައެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަތީބު
ބަލަ މޮޔަފުޅުވެގެން ތިއުޅެނީ ޕީޕީއެމް ޕީއްންސީއަކުން ނުއުޅޭ ބާއީ ބައިގަނޑަކާ ގުޅެން.