ސިހުރު ހެދުމަކީ ޝައިޡާނާގެ އަމަލުތަކުގެ ތެރެއިން ވާކަމެއް!

ސިހުރު ހެދުމަކީ ޝައިޡާނާގެ އަމަލުތަކުގެ ތެރެއިން ވާކަމެއް!

الحمدلله، والصلاةوالسلامعلىمنلانبيبعده،

ސިޙުރު ޖެހިފަިއިވާ މީހަކަށް ބޭސް ކުރުމުގައި ސިޙުރު ހަދާމީހެއް ކައިރިއަށް ގޮސް އެމީހަކު ލައްވާ ސިޙުރު ހައްދުވައިގެން ނުވާނެއެވެ. ސަބަބަކީ ނުބައިކަމެއް އިތުރު ނުބަޔަކުން ފޮހެ ނުލެވޭނެތީވެއެވެ. އަދި ކުފުރުވެރިކަން އިތުރު ކުފުރުވެރިކަމަކުން ވެސް ދުއްވާ ނުލެވޭނެތީވެއެވެ. އެހެންނަމަވެސް، ނުބައިކަން ދުއްވާލެވޭނީ ހެޔޮކަމަކުންނެވެ.

އެހެންކަމުން ނަޝްރާ (ސިޙުރުން ސިޙުރު ބާޠިލް ކުރުން) އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލުވެވުނު ހިނދު ޙަދީޘް ކުރެއްވިއެވެ. (هي من عمل الشيطان)މާނައަކީ: "އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ". ސިޙުރުވެރިޔާ ސިޙުރު ހަދަން ދަސްކުރަނީ ޝައިޠާނާގެ ކިބައިންނެވެ. ޝައިޠާނާ އަށް އަޅުކަން ކުރުމަށްފަހުގައެވެ. އަދި ޝައިޠާނާ ބޭނުންވާ އެތައް ކަންތަކެއް ކޮށްދިނުމަށްފަހުގައެވެ.  އެހެންކަމުން އެއީ ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ. ވީމާ، އެކަމުން ދުރުހެލިވުމަށް އަޅުގަޑުމެން ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. އަދި އަޅުގަޑުމެންގެ ބަސްވިކޭ ކޮންމެ މީހަކުވެސް މިފަދަ ނުރައްކާތެރި ކަންތަކުން ދުރުހެލިކުރުވުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރަންވާނެއެވެ.

އެހެންކަމުން ސިޙުރު ބާޠިލް ކުރުމަށް ޓަކައި ފަރުވާ ކުރަންވާނީ ގުރްއާނުންނާއި ޙަދީޘް ގައި ވާރިދުވެފައިވާ ޞައްޙަ ރުގްޔާ އިންނެވެ. ބަލިވުމުން ޑޮކްޓަރުން ކައިރިއަށް ގޮސް ބޭސްކުރާ ފަދައިން ސިޙުރު ޖެހުމުން ވެސް ފަރުވާ ހޯދަން ޖެހެއެވެ.

އެހެންނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ކޮންމެ ބަލި މީހަކަށް ޝިފާ ނުލިބި ހިނގައިދާނެކަމެވެ. ބައެއް ފަހަރަށް ބަލިމީހުންނަށް ފަރުވާ ކުރުމުން އޭނާގެ އަޖަލުގައި ބާކީ ދުވަސް އޮތް ނަމަ ޝިފާ ލިބެއެވެ. ނޫންނަމަ އެބައްޔެެއްގައި އޭނާ މިދުނިޔެ ދޫކޮށް ދެއެވެ. ކިތަންމެ މޮޅު ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދިނަމަވެސް އެވެ. މަރުއައިސް ޖެހުމުން ޑޮކްޓަރެއްގެ މޮޅުކަމެއް، ފަރުވާގެ މޮޅުކަމެއް ނޯވެއެވެ.

އަލްމުނާފިގޫން ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ (ولن يؤخر الله نفساً إذا جاء أجلها)މާނައަކީ "އެއްވެސް ނަފްސެއްގެ އަޖަލު އައިސް ޖެހުމުން މާތް ﷲ އިތުރަކަށް ލަހެއް ނުކުރައްވައެވެ". އެހެންކަމުން ޑޮކްޓަރުންނާއި ފަރުވާގެ ސަބަބުން ފައިދާ ކުރާނީ އަޖަލު އައިސް ނުޖެހޭ ނަމައެވެ. އަދި ﷲ އެމީހަކަށް ޝިފާ ދެއްވުމަށް އިރާދަ ކުރައްވާފައިވާނަމައެވެ. ނޫންނަމަ ކުރާނެ ކަމެއް ނޯންނާނެއެވެ.

އެހެންކަމުން، ސިޙުރު ޖެހިފައިވާ މީހާވެސް ހަމަ މިފަދައެވެ. ފަހަރުގައި އޭނާގެ ބައްޔަށް (ޖެހިފައިވާ ސިޙުރަށް) ﷲ ޝިފާ ދެއްވުން އެކަށީގެންވެ އެވެ. ނޫންނަމަ އެބަލީގައި އޭނާ މިދުނިޔެ ދޫކޮށް ދާން ވެސް ޖެހިދެއެވެ. މިއީ ﷲ އަޅުތަކުންނަށް ކުރިމަތި ކުރެއްވި އިމްތިޙާނެކެވެ. މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއް ކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަަތަޢާލާ އެވެ.

ސިޙުރުޖެހިފައިވާ މީހާ އަށް ފަރުވާ ކުރުމުގައި ޝަރީޢަތުގައި ވާރިދުވެފައިވާ ކަންތަކުގެ ތެރޭގައި ގުރްއާން ކިޔެވުމާއި ބައެއް ޛިކުރުތައް ކިޔުން ހިމެނެެއެވެ. އެގޮތުން ފުރަތަމަ ގުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތްކަމަށްވާ ސޫރަތުލްފާތިޙާ ކިޔަވަންވާނެއެވެ. ތަކުރާރުކޮށް ކިޔަވާނީއެވެ. ކޮންމެ ކަމެއްވެސް ނިމިގެން ދާނީ ﷲ ގެ ގަޟާ ގަދަރުގައި ވާ ގޮތަށްކަންދަނެ، ﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން ދަނެ، ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަކަށް "ވާށޭ" މިހެން ވަޙީ ކުރެއްވުމުން އެކަމެއްވާނެކަން ދަންނަ ޞާލިހް ތަގްވާވެރި، އަޅަކު އިޚްލާޞްތެރިކަމާއެކު ސޫރަތުލްފާތިޙާ ތަކްރާރުކޮށް ކިޔަވައިފިނަމަ ﷲ ގެ ރަޙްމަތުން ބަލިމީހާ އަށް ޝިފާ ލިބޭނެއެވެ.

އެެއްފަހަރެއްގައި ބާދިޔާއެއްގެ އަމީރެއްގެ ގަޔަށް ހަރުފައެއް ކަށިޖަހައިގެން އުޅެނިކޮށް ޞަޙާބީންނަށް ދިމާވިއެވެ. އެޒަމާނުގައި ކުރެވެން ހުރި ހުރިހާ ބޭހެއް އޭރުވަނީ ކޮށްފައެވެ. ނަމަވެސް، އެއިން އެއްވެސް ބޭހަކުން ފަރުވާ އެެއް ނުލިބުނެވެ. އެހެންކަމުން ޞަޙާބީންނަށް ދެންނެވުނެވެ. "ތިޔަބައިމީހުންގެ ތެރޭގައި ރުގްޔާ (ޝަރްޢީ ހަމަތަކުގެ މަތިން ހަދާ ފަންޑިތަ) ހަދާމީހަކު އެބަހުރި ހެއްޔެވެ؟"، ޞަޙާބީން ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ޞަޙާބީ ބޭކަލަކު ސޫރަތުލްފާތިޙާ ކިޔަވައި ވިދާޅުވިއެވެ. ކިޔަވައި ވިދާޅުވުމާއި އެކު ބަލިމީހާ އެއްކޮށް ރަގަޅުވެގެން ތެދުވެއްޖެއެވެ. އޭނާގެ ބައްޔަށް ފުރިހަމަ ޝިފާ ލިބިއްޖެއެވެ.

ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا بأس بالرقي ما لم تكن شركاً)މާނައަކީ: "ރުގްޔާ ހެދުމުގައި ޝިރްކު ނުކުރާނަމަ މައްސަލަ އެއް ނެތެވެ". ޚުދު ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރުގްޔާ ހެއްދެވިއެވެ. ރުގްޔާ އަކީ އޭގައި ގިނަގުނަ ފައިދާ ތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ސިޙުރު ޖެހިފައިވާ މީހެއްގެ ކައިރީގައި ސޫރަތުލްފާތިޙާ އާއި އާޔަތުލް ކުރްސީ، އަދި އިޚްލާޞް، ފަލަގި، ނާސް، މި ސޫރަތްތަކާއި އެނޫންވެސް ސިޙުރު ބާޠިލް ކުރާ އާޔަތްތައް ކިޔެވުން ރަގަޅެވެ.

މީގެ އިތުރުން ޙަދީޘް ގައި އައިސްފައިވާ ބައެއް ޛިކުރުތައް ވެސް ކިޔުން ރަގަޅެވެ. ކީރިތި ރަސޫލާ- ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ބައެއް ބަލިމީހުންނަށް ރުގްޔާ ހެއްދެވުމުގައި އަންނަނިވި ދުޢާ ކިޔުއްވި ކަމަށް ވާރިދުވެފައިވެއެވެ. (اللهم رب الناس ، أذهب البأس ، واشف أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقماً)މި ދުޢާ ތިންފަހަރަށް ނުވަތަ އެއަށް ވުރެވެސް ގިނަފަހަރު ތަކުރާރު ކުރެއްވިކަމަށް ވާރިދރުވެފައިވެއެވެ. އަދިވެސް ޘާބިތުވެފައިވެއެވެ. (بسم الله أرقيك ، من كل شيء يؤذيك ، ومن شر كل نفس أو عين حاسد الله يشفيك ، بسم الله أرقيك) މި ރުގްޔާ ތިންފަހަރަށް ތަކުރާރު ކުރެއްވިކަމަށް ޘާބިތުވެއެވެ.

ކިރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ-ގެ ކިބައިން ވާރިދުވެފައިނުވާ، ދުޢާ އެއް އަމިއްލަ ބަހުން ކީ ކަމުގައި ވީ ނަމަވެސް މައްސަލައެެއް ނެތެވެ. ޝިރްކަކަށް ނުވަނީނަމައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا بأس بالرقي ما لم تكن شركاً) މާނައަކީ: "ރުގްޔާ ހެދުމުގައި ޝިރްކު ނުކުރާނަމަ މައްސަލަ އެއް ނެތެވެ".

ސިޙުރު ޖެހިފައިވާ މީހާ އަށް ބޭސް ކުރުމުގައި ސިޙުރު ބާޠިލް ކުރާ އާޔަތް ތައް ފެން އެއްޗަކަށް ކިޔެވުމަށްފަހު ބަލިމީހާ އަށް ބޯންދިނުންވެސް ހިމެނެއެވެ. ސިޙުރު ބާޠިލް ކުރާ އާޔަތް ތަކަކީ:

  1. ސޫރަތުލް ފާތިޙާ.
  2. ސޫރަތުލްބަގަރާގެ 1 އިން 5 އަށް.
  3. ސޫރަތުލްބަގަރާގެ 255 އިން 258 އަށް.
  4. ސޫރަތުލްބަގަރާގެ 102 ވަނަ އާޔަތް.
  5. ސޫރަތުލް އަޢްރާފް ގެ 117 އިން 122 އަށް.
  6. ސޫރަތު ޔޫނުސް ގެ 79 އިން 82 އަށް.
  7. ސޫރަތު ޠާޙާ ގެ 65 އިން 69 އަށް.
  8. ސޫރަތުލް އިޚްލާޞް، ފަލަގް، ނާސް (ތިންފަހަރު ތަކުރާރު ކުރަން).

މި އާޔަތްތައް ފެން އެއްޗަކަށް ކިޔަވައި ބަލިމީހާގެ ގަޔަށް އޮއްސާލާށެވެ. ފެންގަނޑުގެ ތެރެއަށް ކުންނާރުފަތުގެ ހަތްފަތް ރަގަޅަށް ފުނޑާފައި އެއްކޮށްލުން ރަގަޅެވެ.

މިއީ ކުރެވެން ހުރި ފަރުވާތަކެވެ. އަޅުތަކުން ކުރާނީ މަސައްކަތެވެ. ޝިފާ ދެއްވާނީ ﷲ ތަޢާލާ އެވެ. އެހެންކަމުން ބޭސްކުރާމީހާއާއި ބަލިމީހާގެ ހިތުގައި ވަރުގަދަ އީމާން ކަމެއް އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ކޮންމެ ކަމެއްވެސް ވަނީ ﷲގެ އިރާދަފުޅާ ގުޅިފައިކަމާއި، ޝިފާ ދެއްވަނީ ﷲ ކަން ހެޔޮހިތުން ގަބޫލުކޮށްގެން ހުރެއްޖެނަމަ، އެމީހެއްގެ ބަލި ރަގަޅުވާލެއް ﷲގެ އިރާދަފުޅުން އަވަސްވާނެއެވެ.

والله أعلم.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.