ދަނގެތީގެ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ ހިންގަވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން ނިންމައިފިއެވެ.
ރޭ ބޭއްވުނު އެމްއެންޕީގެ ގައުމީ ކައުންސިލްއިން ނިންމާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 1ވަނަ ދުވަހު ރިޔާސީ ޕްރައިމަރީއަށް އިއުލާން ކުރުމުމަށެވެ.
އަންނަ ޖެނުއަރީމަހު އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ގައުމީ ކައުންސިލްއިން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކޮށްފައިވަނީ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އެކަންޏެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރެއްހަ ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭވެސް ހިމެނެއެވެ. އޭގެ އިތުރުން ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީންވަނީ އެ ޕާޓީންވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައެވެ.
ރޭ ބޭއްވުނު އެމްއެންޕީގެ ކައުންސިލްއިން ވަނީ ދެން އެ ޕާޓީން މަސައްކަތް ކުރަމުންދާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށްވެސް ނިންމާފައެވެ. އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އަދި ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީގެއެއްގެ ގޮތުގައި އޮތުމަށް ހުށަހެޅުމުން، އެހުށަހެޅުމަށް ތާޢީދުކުރެއްވީ ޕާޓީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލެވެ.
މިހުށަހެޅުމަށް ކުރެވުނު ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވީ ރައްޔިތުންނަށް މަންފާހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުންވެސް ނުލިބޭކަމުގައެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ