އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 2-1 ން ލިވަޕޫލް ބަލިވެއްޖެއެވެ.
ލީގު ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ދެން ކުޅުނު ދެ މެޗުން ވެސް ލީގުގައި ލިވަޕޫލް ވަނީ ބަލިވެފައެވެ. އޭގެތެރޭގައި ލީގު ތާވަލުގެ ފުލުގައި އޮތް ނޮޓިންގހަމް ފޮރެސްޓް އަތުންވީ ބަލި ހިމެނެއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލީޑްސް އިން މެޗުގެ ހަތަރު ވަނަ މިނެޓުގައެވެ. މިއީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަދި ޑިފެންޑަރު ޖޯސެފް ގޮމޭޒް ހެދި ގޯހެއްގެ ފައިދާ ނަގާ، ލީޑްސްގެ ރޮޑްރިގޯ ފަސޭހަކަމާއެކު ޖެހި ގޯލެކެވެ. ލިވަޕޫލުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ އަންޑްރޫ ރޮބާޓްސަން ދިން ޕާހަކުން މުހައްމަދު ސަލާހު މޮޅު ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ލީޑްސްއަށް އެންމެ މުހިއްމު ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކްރިސެންޗޯ ސަމާވިލް އެވެ. މިއީ ވިލްފްރިޑް ނޮންތޯ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޕެޓްރިކް ބަމްފޯޑް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އިތުރު ވަގުތުގެ އަށް މިނެޓުގައި ލިވަޕޫލުން ގިނަ އެޓޭކް ކުރި ނަމަވެސް ލިޑްސް ގެ ޑިފެންޑަރުން ވަނީ ރަނގަޅަށް ޑިފެންސްކޮށް އެ ހަމަލާތައް ހުއްޓުވާފައެވެ.
މި ބައްޔާ އެކު ލިވަޕޫލް ވަނީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެމެދު އަށް ޕޮއިންޓުގެ ފަރަޤަކާއެކު ނުވަ ވަނައިގައެވެ. ނިއުކާސަލް ވަނީ 4-0 ން އެސްޓޮން ވިލާ ބަލިކޮށް, 24 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ.