ބްރައިޓަން އިން ޗެލްސީ ބަލިކޮށް ޕޮޓާ ލަދުގަންނަވާލައިފި

ބްރައިޓަން އިން ޗެލްސީ ބަލިކޮށް ޕޮޓާ ލަދުގަންނަވާލައިފި

ބްރައިޓަން އިން އަމިއްލަ ދަނޑުގައި، އެ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީއާ ވާދަކޮށް 4-1 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ރޭގެ މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޖެހީ ފަސްވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑްއެވެ. އޭނާ މި ލަނޑު ޖެހީ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ކައިރިން ނައްޓާލައިފަ އެވެ. އޭގެ ކުރިން ބްރައިޓަން އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ގޯލް ލައިން މަތިން ދިފާއުކޮށްފައެވެ. ބްރައިޓަންގެ ލީޑު ފުޅާ ކުރީ 14 ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން ޗެލްސީގެ ރުބެން ލޮފްޓަސް ޗީކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.އެއަށް ފަހު ޗެލްސީ އިން ފަރަގު ކުޑަ ކުރަން ކޮނޯ ގަލަގާ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ރޮބާޓް ސަންޗޭޒް ދިފާއު ކުރިއެވެ.

މެޗުގައި ބްރައިޓަން އިން ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ ވެސް ޗެލްސީގެ ކުލުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފު ޗެލްސީ އިން ފެށީ ކީޕަރު ކެޕާ ގެ ބަދަލުގައި އެޑުއާޑް މެންޑީ ކުޅެން އަރުވައިގެންނެވެ. މި ހާފު ފަށައިގެން ތިންވަނަ މިނިޓުގައި ގަލަގާ ނަގައިދިން ހުރަހަކުން ކައި ހަވާޓްޒް ޗެލްސީ އަށް ލަނޑެއް ޖަހައި އުންމީދު ހޯދައިދިނެވެ.

ބްރައިޓަން އިން އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ. އެޓީމުގެ ޒުވާން ފޯވާޑް ޖޫލިއޯ އެންސީސޯ ފޮނުވާލި ހަމަލާ ކީޕަރު މެންޑީ ދިފާއު ކުރި ވަގުތު ޕާސްކަލް ގްރޮސް ވަނީ މެންޑީ އަތުން ދޫވި ބޯޅަ ގޯލަށް ފޮނުވާލައިފައެވެ.

މި ނަތީޖާއާއެކު ބްރައިޓަން ވަނީ 12 މެޗުން 18 ޕޮއިންޓް ހޯދައި ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. މެޗުން މޮޅު ނުވެވުމުން ޗެލްސީ އޮތީ 21 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *