ދުނިޔޭގަ މިވަގުތު ހުރި އެންމެ މުއްސަދި މަހުޖަނުކަމުގައިވާ އެލޮން މަސްކު ޓުވިޓަރ ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތުމާއި ގުޅިގެން، ޓުވިޓަރއިން އުމުރަށް ސަސްޕެންޑް ކޮށްފައިވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިހަފްތާގެ ހުކުރުދުވަހު، 44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަނެފައިވާ މަހުޖަނު އެލޮން މަސްކު ކުރިން ވިދާޅުވެފައިވަނީ، އޭނާ ޓުވިޓަރ ގަތުމަށްފަހު ޓްރަމްޕްގެ ސަސްޕެންޝަން އުވާލާނެކަމަށެވެ. މަސްކު ވިދާޅުވެފައިވަނީ، ޓުވިޓަރ ޕްލެޓްފޯމުން މީހުން އުމުރަށް ސަސްޕެންޑް ކުރުމަކީ އޭނާ ތާއީދުކުރާ ސިޔާސަތެއް ނޫންކަމުގައެވެ.
"ބޯ ހަމަޖެހޭ މީހެއްގެ އަތްމައްޗަށް ޓުވިޓަރ ދިއުމަކީ އަހަރެން ވަރަށް އުފާކުރާ ކަމެއް. އަދި، ހައްދު ފަހަނައަޅާފައިވާ، އަހަރެމެންގެ ގައުމު ދެކެ ނަފްރަތުކުރާ މޮޔައިން އެ ޕްލެޓްފޯމު ހިންގުމުގައި ނެތުމަކީ އުފާކުރަން ޖެހޭކަމެއް،" އޭނާގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލް އެކައުންޓުގައި ޓްރަމްޕް ލިޔުއްވާފައި ވެއެވެ.
ޓުވިޓަރއާއި އެއް ބައްޓަމަކަށް ފަރުމާ ކޮށްފައިވާ މި ޕްލެޓްފޯމަކީ، ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ޕްލެޓްފޯމިން ހިންގާ، ޓުވިޓަރއާއި އެއްގޮތް ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.
ޓުވިޓަރ ގަތުމާއި ގުޅިގެން އެލޮން މަސްކަށް ޓަރަމްޕް މަރުހަބާ ވިދާޅުވި ނަމަވެސް، އެބުރި ޓުވިޓަރ ޕްލެޓްފޯމަށް ވަޑައިގަންނަވާނެކަމެއް ޓްރަމްޕް ހާމަ ކުރައްވާފައެއް ނުވެއެވެ. ޓްރަމްޕް ޓުވިޓަރއިން އުމުރަށް ސަސްޕެންޑް ކޮށްފައިވަނީ، އޭނާގެ ވެރިކަން ނިމެމުން ދަނިކޮށް، 2021ވަނަ އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް ހަމަލާދިނުމަށް ޓުވީޓުން ޓްރަމްޕް ހިތްވަރު ދިންކަމަށް ބުނެއެވެ.
އެލޮން މަސްކު ވިދާޅުވެފައިވަނީ އޭނާ ޓުވިޓަރ ގަތުމަށްފަހު ޓްރަމްޕްގެ ސަސްޕެންޝަން އުވާލައްވާނެކަމަށެވެ. މަސްކު ވިދާޅުވެފައިވާ ގޮތުގައި އޭނާ ބޮޑަށް ތާއީދު ކުރައްވަނީ ވަގުތީ ފިޔަވަޅުތައް އެޅުމަށް ކަމުގައެވެ.
މިއަހަރުގެ އެޕްރިލްމަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާގެ ސަސްޕެންޝަން އުވާލިއަސް ދެން އޭނާ ޓުވިޓަރ ޕްލެޓްފޯމް ބޭނުމެއް ނުކުރައްވާނެއެވެ.
"އަހަރެން ޓުވިޓަރއަކަށް ދެން އެބުރި ނުދާނަން. އަހަރެން ދެމިހުންނާނީ ޓުރުތު ޕްލެޓްފޯމުގަ."
ޓްރަމްޕް ވިދާޅުވެފައި ވެއެވެ. ޓްރުތު ޕްލެޓްފޯމާއެކު ޓަރަމްޕް ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، ޓްރަމްޕްގެ ހުރިހާ ސޯޝަލް މީޑިއާ ޕޯސްޓެއް އެ ޕްލެޓްފޯމުގައި ކުރަން ޖެހޭއިރު، އެ ޕްލެޓްފޯމުގައި ޕޯސްޓެއް ކުރެއްވުމަށްފަހު ޖެހިގެން އަންނަ 6 ގަޑިއިރުތެރޭ އެހެން އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އެ ޕޯސްޓު އާންމު ކުރުމުގެ ހުއްދައެއް ޓްރަމްޕަށް ނޯވެއެވެ.