ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ދެ ލަނޑު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮނާކޯ މެޗު ކާމިޔާބުކޮށްފި އެވެ.
ޕީއެސްޖީގެ ދެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރި އިރު މޮނާކޯ އިން ޖެހި ތިން ލަނޑުވެސް ޖެހީ މެޗުގެ ފަހު ހާފުގައެވެ. ލީގުގައި ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މެޗަށް ޕީއެސްޖީން ނުކުތީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފްރާންސްގެ ފޯވާޑް ކިލިއެން އެމްބާޕޭ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ބްރެޒިލްގެ ނޭމާ ވެސް ރޭގެ މެޗުގެ ފަހު ހާފުގައި ވަނީ ކުޅެން ނުކުމެފަ އެވެ.
ޕީއެސްޖީ އިން ރޭގެ މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.
މޮނާކޯ އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އުމުރުން 28 އަހަރުގެ ފޯވާޑް ކެވިން ވޯލާންޑެވެ. މެޗުގެ ނަތީޖާ މޮނާކޯ ކޮޅަށް އަނބުރާލި ލަނޑު މެޗު ނިމެން ގާތްގަނޑަކަށް ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ސެސް ފެބްރިގާސް އެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ފެބްރިގާސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭގެ މެޗުގައި 0-2 އިން ޕީއެސްޖީއަށް ލީޑް ލިބިފައި ވަނިކޮށް އިތުރު ދެ ލަނޑެއް އެޓީމުން މޮނާކޯގެ ގޯލް ވައްދާލާފައެވެ. އެމްބާޕޭ އާއި އިޓަލީގެ ފޯވާޑް މޮއިސޭ ކީން ބޯޅަ ގޯލަށް ވައްދާލި ދެފަހަރުވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ރޭގެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ޕީއެސްޖީ އިން މިހާތަނަށް ލީގުގައި 11 މެޗުން ޓީމު އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. ރޭ ޕީއެސްޖީގެ މައްޗަށް ކުރި ހޯދި މޮނާކޯ މިވަގުތު އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.
ރޭގެ މެޗަށް ޕީއެސްޖީ ނުކުތްއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. އެ އަށް މެޗުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ ވެސް އެންމެ ލަނޑެކެވެ.
އެންމެފަހުން މޮނާކޯއިން ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރުގެ ސީޒަންގައެވެ.