އަނެއްކާވެސް ބާސާ ޔޫރޮޕާ ލީގަށް

އަނެއްކާވެސް ބާސާ ޔޫރޮޕާ ލީގަށް

ޖެހިޖެހިގެން ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެއެވެ.

ބާސެލޯނާ އިން ރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިން ބަޔާންއެވެ. މިއީ މިދިޔަ 22 އަހަރު ތެރޭ ބާސެލޯނާ ޗެމްޕިއަންސްް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ ވަނީ ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގައި ކުޅެފައެވެ.

ގުރޫޕް ސީގެ އެއްވަނަ ޔަގީން ކޮށްފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު ބަޔާން މިއުނިކްއެވެ. އެ ގުރޫޕުން ދެވަނަ ހޯދީ ވިކްޓޮރިއާ ޕްލެޒެން އަތުން މޮޅުވެގެން 10 ޕޮއިންޓް ހަމަކުރި އިންޓަ މިލާންއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިންޓަރ މިލާން ވާދަކުރަން ޖެހޭނީ އެއްވަނާގައި އޮތް ބަޔާން މިއުނިކާއެވެ. އެމެޗުގެ ނަތީޖާއަކުން ދެޓީމްގެ ވަނައަކަށް ބަދަލެއް ނާންނާނެއެވެ.

ޔޫރޮޕާ ލީގަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި އެންމެ މޮޅު ތިންވަނަ ޓީމުތަކާއި ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވާ ޓީމުތަކުގެ މެދުގައި ކުޅެވޭ މުބާރާތެކެވެ.

ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދިޔަ ފަހުން ކުޅުނު ދެ ސީޒަނުގައި ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ޖެހިފައެވެ. މިއީ ބާސެލޯނާގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެ އަހަރު ކެޓި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *