އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް އެތައް ރަށަކުން އިންތިޒާރު ކުރަމުން ދާކަމަށެވެ. ކޮންމެ ރަށަކުންވެސް ވީހާވެސް އަވަހަކަށް ރައީސް ޔާމީން ވަޑައިގެންނެވޭނެ ގޮތެއް ހަމަޖެއްސުމަށް އެދެމުންދާކަމަށާއި، ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ ރައީސް ޔާމީން ނިންމަވާފައިވާ ނިންމެވުމެއްކަމަށް ހީނާ ވިދާޅުވިއެވެ.
މިއަހަރުގެ ކުރިއަށް އޮތް ދަތުރުތަކާއި ގުޅޭގޮތުން ހީނާ ވިދާޅުވީ އެންމެ އަވަހަށް ދެން ވަޑައިގަންނަވާނީ ނ.އަތޮޅުގެ ރަށްތަކަށް ކަމުގައެވެ. އެއަށްފަހު ގދ. އަތޮޅުގެ ރަށްތަކަށާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ. ރައިސް ޔާމީންގެ ދަތުރު ތަކުގައި އަންނަ އަހަރަކީ ގިނަ ދަތުރުތަކެއް ޝެޑިއުލް ކުރެވިފައިވަ އަހެއްކަމަށް ހީނާ ވިދާޅުވިއެވެ.
މިދަތުރުތަކުގެ ބޭނުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ޔާމީންގެ ތަސައްވަރާއި، ތަރައްޤީގެ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނއި ހިއްސާކޮށް، ރައްޔިތުން އެދޭކަންކަމުގެ މައްޗަށް މެނިފެސްޓޯ އެކުލާވުމެވެ. ހަމަމިއާއިއެކު ރައްޔިތުން އެމަނިކުފާނާއި ބައްދަލު ކޮށްލަން ބޭނުންވާތީ އެފުރުސަތުވެސް ދިނުންކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުތައް ނިންމަވާލައްވާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ފަހުކަމުގައެވެ.
ކޮމެންޓު ފޮނުވާ