ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވި ފާއިތުވެދިޔަ ހަފްތާގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންވަނީ ފާއިތުވެދިޔަ ހަފްތާފައި ތްރީލައިން ވިޕާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލަށް ތާއީދުކުރުމަށް އެމްޑީޕީގެ ޕީޖީން ތްރީލައިން ވިޕެއް ނެރެފައިވަނީ ފާއިތުވި އަންގާރަ ދުވަހު ބޭއްވުނު އެ ޕާޓީގެ ޕީޖީގެ ބައްދަލު ވުމެއްގައެވެ. މި ބައްދަލުވުމިގައި ތުރީލައިން ވިޕް ނެރެފައިވަނީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު އޮންލައިންއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ވިދާޅުވީ، ޕާލަމެންޓްރީ ގުރޫޕުގައި، ޓެކްސް ބޮޑުކުރުމަށް ތާއިދު އޮތް ކަމަށާއި، އަދި މަޖިލީހުގެ އެގޮތަށް ފާސްވެގެން ދާނެ ކަމުގައެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި ޓެކްސް ބޮޑު ކުރުމަށް ފާސް ކުރުމަކީ ސަރުކާރަށްވެސް އަދި މެމްބަރުންނަށްވެސް ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހޭނެ ނިންމުމެއް ކަމުގައިވެސް ޚަބަރު އޮންލައިންއާއި ވާހަކަ ދެއްކި ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.
އޭއިތުރުން ޓެކްސް ބޮޑުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ތާއީދު ކުރައްވާފައި ވިނަމަވެސް، އެމްޑީޕީގެ ޕީޖީގައި ހިމެނޭ ރައީސް ނަޝީދު ފެކްޝަނަށް ތާއީދުކުރާ ބައެއް މެމްބަރުން ވަނީ ފާޅުގައި ޓޭކުހަށް ބަދަލު ގެންނަ ބިލާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. މީގެ ތެރެއިން ބައެއް މެމްބަރުންނަކީ އެޕާޓީގެ އެތެރޭގައި އޮތް ފެކްޝަންގެ ވާދަވެރިކަމުގައި، ސަރުކާރުން މަޖިލިހަސް ހުށަހަޅާ ގިނަ ކަންކަމަށް ފާޑުވިދާޅުވާ ފަރާތްތައްކަންވެސް މި ފުރުސަތުގައި ފާހަގަށް ކޮށްލާން ޖެހެއެވެ.
މިގޮތުން، މި ބައްދަލުވުމުގައި ތުރީ ލައިން ވިޕް ނެރެފައިވަނީ މަޝްވަރާ ކުރުމަކާ ނުލާކަމަށް ވިދާޅުވެ ކުރި ޓުވީޓެއްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ދައުލަތުގެ ކަމާއިގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓެކްސް ބޮޑުކުރުމުގެ ބިލް ފާސް ކުރަން ހުށަހެޅުމުންވެސް، މަޝްވަރާއާއި ނުލައި ސަރުކާރުން ހުށަހެޅިގޮތަށް ޓެކްސް ބޮޑުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުމަކީ ޚުދުމުހާތުކަން އޮތް މިންވަރު ހާމަވާކަމެއްކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިގޮތަށް ތުރީލައިން ވިޕް ނެރުމުން ހިތައް ވެރިވަނީ އަނެއްކާވެސް ބިރުވެރިކަމާއި ޚުދުމުހުތާރު ސިފަތައް ކަމަށެވެ.
ޓެކްސް ބޮޑުކުރުމަށް ޓެކުހާއިބެހޭ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހާއި ދެކޮޅު ހައްދަވަމުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެފައިވަނީ، ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕައި އެއްގޮތަށް ވޯޓު ނުދެއްވާނެކަމަށެވެ.
އޭނާ ވިދާޅުވީ އިޤްތިޞާދީ ގޮތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިފަދަ ބިލަކަށް ތާއީދު ކުރެވެން ނެތްކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އެންމެހާ ބޭފުޅުންނަށް މަޢާފަށް އެދެން. އަޅުގަނޑު ޓެކްސް ތްރީލައިން ވިޕާއި ޚިލާފްވާނެ. ޓެކްސް އިތުރު ކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި.
އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
އެމްޑިޕީގެ ބައެއް މެމްބަރުން، ޓެކްސް ބޮޑުކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވަނިކޮށް، މި އިސްލާހާއި ގުޅޭގޮތުން، މުޅި މަޖިލިސް ކޮމިޓީއަސް ގޮސްގެން ބޭއްވި ކޮމިޓީ ޖަލްސާގައި ވަހަަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަންލަތީފު ވިދާޅުވީ ރައްޔިތުން މިހާރުވެސް ދައްކަމުންދާ ޓެކްސެއް ބޮޑުކުރާ ވާހަކަ ދައްކާއިރު، މިޓެކްސްތައް ބޮޑު ކުރަންޖެހިގެން އުޅޭ ސަބަބު ސަރުކާރުން ސާފުކޮށް ބުނެދޭން ޖެހޭކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކޮށްގެން ލިބެނީ ކިހާ ފައިސާއެއްތޯއާއި، މި ޓެކްސް ބޮޑުކޮށްގެން މެނުވީ މި ފައިސާ ލިބެން ނެތީތޯއާއި، ދައުލަތުން ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓާލައިގެންވެސް ދެކޮޅު ނުޖެއްސެނީތޯއާއި މިކަންކަންވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އަޅުގަޑުމެން އަނެއްކާވެސް 2023ވަނަ އަހަރު ރިޔަސީ އިންތިޚާބަށް ނުކުންނައިރު، ރައްޔިތުންގެ ތާއީދު އިތުބާރު ނުގެއްލޭނެ ފަދަ ގޮތަކަށް މިފަދަ ކަންކަން ކުރުމަކީ އަޅުގަޑުމެންނަށް ތާއީދު އިތުރުވެ، އަދި އެރައްޔިތުންގެ ވޯޓު ސަރުކާރަށްވެސް، އެމްޑީޕިއަށްވެސް ލިބޭނެކަމެއް ކަމަށް އަޅުގަޑަށް ފާހަގަ ކުރެވޭ. އަޅުގަޑު މި ދަންނަވާ ވާހަކައަކީ ހަމަ މިހެން ތިބެފަ، ޓެކްސް ބޮޑުކުރަން %2 މަޖިލިހަށް ލާފަ، ސަރުކާރުން ފޮނުވީތީ ރަބަރ ސްޓޭމްޕް ކުރާ ގޮތަށް އަޅުގަޑުމެން ފާސްކުރަކަހަލަ ކަމެއް ނޫން މިއީކީ.
ހަސަންލަތީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 84ވަނަ މައްދާގެ (ހ) ގައި ބުނެފައިވާ އުސޫލުން ނޫންކަމުއެވެ. އޭނާ ވިދާޅުވީ 84ވަނަ މާއްދާގެ (ހ) ސާފުކޮށް ކޯސްޓް އެސްޓިމޭޓެއް ހަހަޅަން ޖެހޭކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ފޯމެޓެއްވެސް ހަދާފައި އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް އެކަމަށް ސަރުކާރުގެ އަޅާލުމެއް މިހާރު ނޯންނަ ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިބުމަކީ ސަރުކާރުން ފޮނުވާހާ އެއްޗަކަށް އާއެކޭ ބުނަންޖެހޭ ސަބަބެއް ނޫންކަމުގައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވާގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް އޮތްތަނުގައި ކުރިޔަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ މަރުހަބާ ކިޔާފައެވެ.
One Response
ރައްޔިތުންގެގާތައްް އަންނައިރުު ރައްޔިތުންނައްް ގައްދާރުވާމީހުންނާާ ރައްޔިތުންް ވަކިވަކިންް ސުވާލުކުރާނެެ އަދިި މާގިނަދުވަސްތަކެއްނުކޮއްް ރައްޔިތުންގާތައްް އަންނާނެެ އެދުވަހުންް ގޮތްނިންމާނީީ ރައްޔިތުންމިހާރުު ތިކުރާބޭކާރުު ހޭދަތައްް ވަގުތުންވަގުތައްް ހުއްޓާލާފަަ ލިބޭއެއްޗަކުންް ރައްޔިތުންނައްް މަންފާލިބޭގޮތަކައްް ހޭދަކުރިއްޔާާ ރައްޔިތުންބަލައިގަންނާނެެ އެއްވެސްް ގޮތަކުންް ރައްޔިތުންފެލާފަަ ތިބޭފުންގެެ އަންބޮނޑިބޮޑުކުރަންނުވިސްނާާ ކޮއްދޭކަމެއްް ހެޔޮނިޔަތުގަަ ރައްޔިތުންނައްކޮއްދީީ