ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ވަމުންދާ ސިޔާސީ ޕާޓީތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި އިންތިޚާބަށް އެންމެ ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އެއް ބޭފުޅެއްގެ ގޮތުގައި ފެންނަމުން ދަނީ އިދިކޮޅު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމިންއެވެ.
މިގޮތުން ކުރިޔަށްދާ އެމަނިކްފާނުގެ ޝަރީއަތާއެކުވެސް ޕީޕީއެމްއިންވަނީ، ވާދަވެރި ޕްރައިމަރީއަކާ ނުލާ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން ވާދަކުރާނެ ކެނޑިޑޭޓަކީ އެޕާޓީގެ ރައީސް، ރައީސް ޔާމިން ކަމުގައި ކަނޑައަޅާފައެވެ. އެއް ސަބަބެއްގެ ގޮތުގައި އެ ޕާޓީން ފާހަގަ ކޮށްފައިވަނީ، ވާދަވެރި ޕްރިމަރީއަކަށް ހުޅުވާލިނަމަވެސް، ޕްރައިމަރީގައި ޔާމިންއާއި ވާދަކުރާނޭ އިތުރު ފަރާތެއް ޕީޕީއެމްގައި ނުހުންނާނޭކަން ޔަގީން ވުމެވެ.
އެއަށްފަހު ރައީސް ޔާމިން ގެންދަވަނީ، އެކި ރަށްތަކަށް ދަތުރު ކުރައްވާ، ތާއީދު ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ. މިގޮތުން ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރު ތަކުގައި، ރިޔާސީ ގިނަގުނަ ވައުދުތަކެއް ވެވަޑައިގެން، ރަށްރަށުގައި ހިންގާނޭ ބޮޑެތި ޕްރޮޖެކްޓްތައް ގެންދަވަނީ އިއުލާން ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ ޝަރުއީ ނިޒާމާއި ގުޅުންހުރި ކަންކަމެވެ. އަނެއްބައި ކަންކަމަކީ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ގުޅުން ހުރި ވާހަކަތަކެވެ. އަނެއްބައި ކަންކަން، އާންމު އުސޫލުން ރާއްޖޭގެ ޚަރިޖީ ސިޔާސަތާއި، ހައްގުތަކާއި ގުޅި ލާމެހިގެން ދާއިރު، ސިޔާސީ ވާދަވެރިންނަށް ވަރަށް ގިނަފަހަރު އިންޒާރުވެސް ދެއްވާފައި ވެއެވެ.
ވާނުވާ ޖަހާފައި ޖަލުގައި ތިބި ގައިދީން ފުރަތަމަ 10 ދުވަހުގެ ތެރޭގައި މިނިވަންކުރާނެ ކަމަށް ވީ ވައުދު!
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އެއްވެސް ވެރިކަމެއްގައި ފުރިހަމަ މިނިވަންކަމާއެކު، ނުފޫޒުން އެއްކިބާވެ ހިނގަމުންދާ ޝަރުޢީ ނިޒާމެއް ނޫންކަން މިއީ ވަރަށްވެސް ރަގަޅަށް ހުރިހާ ވެރިކަމެއްގައިވެސް ސާފުކޮށް ފެނިގެން ގޮސްފައިވާ ހަގީގަތެކެވެ. އަދި ޝަރުއީ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ހުރިހާވެރިންވެސް ނަންގަވާފައިވާއިރު، ފާއިތުވެދިޔަ ހުރިހާ ވެރީންނަކީވެސް އެބޭބޭފުޅުންގެ ދައުރުގައި ރަގަޅު ނުކުރެއްވިދިޔަ ވަރަށްވެސް ގިނަ ކަންކަމުގެ ޝިކާރައަކަށް ވެވަޑައިގެންފައިވާ ބޭފުޅުންވެސްމެއެވެ.
މިގޮތުން، ކޯޓުތަކުން ޝަރީއަތް ކުރުމަކާނުލާ، (ވާނުވާގައި) ޖަލު ބަންދުގައި މީހުން ބައިތިއްބާ މައްސަލައަކީ ރައީސް ޔާމިންގެ ވެރިކަމުގައިވެސް، އަދި އޭގެ ކުރިންވެސް އެތައް ބައެއްގެ ޝަކުވާއެކެވެ. އުދާހެކެވެ. އެހެންނަމަވެސް މި ޝަކުވާތަކާއި، މި އުދާސްތަކާއެކުވެސް، ރައީސް ޔާމިންގެ ވެރިކަމުގައިވެސް ވަނީ އެތައްބަޔަކު އެތައް ދުވަހަކު، ޝަރީއަތް ކުރުމަކާ ނުލާ ޖަލުގައި ކޯޓުތަކުން ބައިތިއްބާފައެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މައުމޫންވެސް ހިމެނޭގޮތުން، އޭރުގެ ވެރިކަމާ ދެކޮޅަށް ނުކުންނެވި އެތައް ސިޔާސީ ބޭފުޅުންނެއް ހިމެނެއެވެ. ރައީސް މައުމޫން ހުކުމަކާ ނުލާ، 8 މަސްދުވަހު ޖަލުގައި ހޭދަ ކުރައްވާފައި ވެއެވެ.
އެހެންނަމަވެސް އޭރުގެ ސަރުކާރުގެ ހުއްޖަތަކަށްވީ ޖުޑިޝަރީއަކީ މިނިވަން މުސްތަގިއްލު މުވައްސަސާއަކަށްވެ، އެކަންކަމާ އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ބެހިވަޑައި ނުގެންނެވޭނެ ކަމެވެ.
އޭރުގެ ވެރިކަން ނިމި، އޭގެ 4 އަހަރުފަހުން، ޚުދު ވާނުވާގެ ޝިކާރައަކަށް ރައީސް ޔާމިންވެސް ވަވަޑައިގަތުމަށްފަހު މިއަދު އެމަނިކްފާނު ވިދާޅުވަމުން ގެންދަވަނީ އަނެއްކާ އެބުރި ވެރިކަން ލިބިވަޑައިގެންފިނަމަ، ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި "ވާނުވާގައި" ޖަލުގައި ބަންދު ކޮށްފައި ތިބޭ ހުރިހާ ކުށްވެރިން މިނިވަން ކުރައްވާނޭ ކަމުގައެވެ. އެހެންނަމަވެސް އެކަން ކުރައްވާނޭ ގޮތެއް ވިދާޅެއް ނުވެއެވެ.
ހަމައެއާއެކު ސާފުވާން އޮތް އެއް ހަގީގަތަކީ، ކޯޓުން އަމުރުކޮށްގެން ބަންދުގައި "ވާނުވާގައި" ތިބޭ ފަރާތްތައް، ރައީސުލްޖުމްހޫރިއްޔާ އަމުރުކޮށްގެން ޖަލުން މިނިވަން ކުރެވޭނެ ހަމައެއް ގާނޫނުތަކުން ފެންނާން ނެތްކަމެވެ. އޭގެ ބަދަލުގައި ކޯޓުތަކަށް ނުފޫޒު ފޯރުއްވައިގެން އެކަން ކުރައްވާނަމަ އެއީ މުޅިން ތަފާތު ވާހަކައެއް، ބަހުސެއް ކަމުގައި ދަންނަވާން ޖެހެއެވެ.
އޭގެ ބަދަލުގައި، އެއީ ގާނޫނުހަދާ މަޖިލިހުން ހޯދިދާނޭ ހައްލަކަށް ވިޔަނަމަވެސް، އަލުން އާ ދައުރަކަށް ރައީސް ޔާމިނަށް ވެރިކަމަށް ވަޑައިގެންނެވިގެންވެސް، މިހާރު މިއޮތް މަޖިލިހުން ރައީސް ޔާމިނަށް އެހައްލު ހޯއްދޭވޭނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް، ރައީސް ޔާމިން ވެވަޑައިގެންނެވި މި ވައުދަށްވެސް ތާއީދުކޮށް، އަތްޖަހާ، އޭގެއިން ހިތައް ތަސައްލީ ހޯއްދެވި އެތައްބަޔަކު ތިބިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ތަރައްގީގެ ބައެއް ވައުދުތައް!
ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައުމާއެކު، ރައްޔިތުންގެ ގާތަށް ދަތުރުކޮށް، ވޯޓު ހޯދުމަށް ވައުދުވަމުން ދިއުން މިއީ ރާއްޖޭގައި އާކަމެއް ނޫނެވެ. އަދި ގިނަ ފަހަރަށް ފެންނާ އޮންނަ ހަގީގަތަކީވެސް، މި އުސޫލުން ވާ ވައުދަކީ ފުއްދޭނެ ވައުދެއްތޯ ނުވަތަ ނޫންތޯ، ވައުދު ވާފަރާތުންވެސް އަދި އަތް ޖަހަން ތިބޭ ފަރާތްތަކުންވެސް ބެލުމެއްނެތް ކަމެވެ.
މިގޮތުން، ފާއިތުވެދިޔަ ހަފްތާގައި ބޮޑުތިލަދުންމައްޗަށް ރައީސް ޔާމިން ކުރެއްވި ދަތުރުފުޅުގައި، ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައެއް އެއް ވައުދަކަށް ވެގެންދިޔައީ، ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގައި އައިސް ޕްލާންޓެއް އަޅުއްވާނެކަމަށް ވިދާޅުވެ ވަވަޑައިގެންނެވި ވައުދެވެ.
މި ރަށުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ، އިހަވަންދޫއަށް އެމަނިކްފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އައިސް ޕްލާންޓާއި ބަނދަރު ބޮޑުކުރުމުގެ ޕްރޮޖެކްޓު ހިމެނޭ ކަމުގައެވެ.
އިހަވަންދުއަށް ޚާއްސަ ކަންތައްތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެންގެ ސަރުކާރަކުން އެންމެ ފުރަތަމަ އައިސް ޕްލާންޓު އަޅާ އަދި ތެޔޮ ލިބޭނެ ގޮތް ހަދާނެ އެއް ރަށަކަށް ވާނެ އިހަވަންދޫ. އިހަވަންދޫގެ މަސްވެރިންނަށް އައިސް ލިބޭނީ ހަމަ އިހަވަންދޫ އިން، އިހަވަންދޫ މަސްވެރިން ނުޖެހޭނެ ފެލިވަރަށް ދާކަށް.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.
އިހަވަންދޫގައި އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވާނޭކަމަށް ރައީސް ޔާމިން މި ޖަލްސާގައި ވިދާޅުވިއިރު، 2011 ވަނަ އަހަރު އެރަށުގައި ގާއިމްކުރި އައިސް ޕްލާންޓަކީ މިހާރުވެސް އޮޕަރޭޓްކުރަމުންދާ އައިސް ޕްލާންޓެކެވެ. އެއީ ދުވާލަކު 50 ޓަނުގެ އައިސް އުފައްދުމުގެ ގާބިލްކަން ލިބިފައިވާ ޕްލާންޓަކަށް ވާއިރު ކުރިން މިފްކޯއިން ހިންގި މި އައިސްޕްލާންޓު މިހާރު ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަންއިންނެވެ.
އަދި ހަމަ މި ޖަލްސާގައި އިހަވަންދޫ ބަނދަރު އެމަނިކްފާނުގެ ވެރިކަމުގައި ބޮޑު ކޮށްދެއްވާނޭކަމަށް ރައީސް ޔާމިން ވިދާޅުވިއިރު، އިހަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ވެސް ދަނީ ކުރިއަށެވެ. އެމްޓީސީސީން ކުރިޔަށް ގެންދާ 51 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ކައިރިވެފަ އެވެ.
އޭގެ އިތުރުންވެސް، ބޮޑުތިލަދުންމައްޗަށް ރައީސް ޔާމިން ކުރެއްވި މި ދަތުރުފުޅުގައި ވެވަޑައިގަނަންވަމުން ގެންދެވި ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ އަނެއް ވައުދަކީ ހއ. ދިއްދޫގައި އެއަރޕޯޓެއް އަޅުއްވާ ދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކާފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ދިއްދޫގައި އެއަރޕޯޓެއް އަޅުއްވާ، އެރަށުން ބިންވެސް ހިއްކަވާ ދެއްވާނޭ ކަމުގައެވެ.
އެހެންނަމަވެސް ދިއްދޫއަކީ މިހާރުވެސް ވަށައިގެން 3 އެއަރޕޯޓެއް އޮތް ރަށެއްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން ހޯރަފުއްޓާއި ކުޅުދުފުއްޓާއި އަދި ހަނިމާދޫގައި އެއާޕޯޓްތައް އޮތްއިރު، މި ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ހިދުމަތާއެކު ވަރަށް ހެޔޮ އަގެއްގައި ފަސޭހަކަމާ އެކު އެ ރަށު ރައްޔިތުންނަށް މިހާރު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައިކަމަށް އެ ރަށުގެ ކައުންސިލުން ފާހަގަ ކޮށްފައި ވެއެވެ.
ދިއްދޫން ފުރައިގެން، ޑޮމެސްޓިކް އެއާޕޯޓެއް އޮންނަ ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ނަގަނީ 45 ވަރަކަށް މިނެޓެވެ. އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހދ. ހަނިމާދު އަށް 20 ވަރަކަށް މިނެޓުން ދެވެ އެވެ. އަދި ގަޑިއެއްހާއިރު ތެރޭގައި އެ އަތޮޅު ހޯރަފުށީގައި އޮންނަ އެއާޕޯޓަށް ވެސް ދެވެ އެވެ.
އެހެންނަމަވެސް، 5،000 އާއި ގާތްކުރާ އާބާދީއެއް އޮތް އެރަށުގެ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ބަދަލުގައި 40 ވަރަަކަށް މިލިއަން ޑޮލަރު ހޭދަކޮށްގެން އެރަށުގައި އެއަރޕޯޓެއް އެޅުމަކީ ތަރައްގީގެ ނަޒަރިއްޔާތުން ބަލާއިރު، އެއީ ހަގީގަތުގައިވެސް އެންމެ ރަގަޅު، ތަރައްގީގެ މިސްރާބެއްތޯ މިއީ ކޮށްލުން އެންމެ ރަގަޅު ސުވާލެއްކަމުގައި ދަންނަވާން ޖެހެއެވެ.
އެހެންނަމަވެސް، މި ވައުދުވެސް ވެގެންދާނީ ރިޔާސީ ވައުދެއްގެ ގޮތުން ފައްކާވެފަ އޮތް، އަތްޖަހަން ތިބޭ ފަރާތްތަކުގެ ހިތަށް ފިނިކަން ލިއްބައިދޭ ވައުދަކަށްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އަމާޒެއް ނެތި ސިޔާސީ ވައުދުވުން، ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް!
ވަކި ސިޔާސީ ލީޑަރެއް ތަފާތު ކުރުމެއްނެތި ދިވެހިރާއްޖެއިން ފާހަގަވާން އޮތް އެއްކަމަކީ، ވޯޓު ހޯދުމަށް ވަމުންދާ ސިޔާސީ ވައުދުތަކުގެ ޖަޒުބާތުގައި ރައްޔިތު މީހާ ޖެހި، މުޅި ގައުމު މަގުން ކައްސާލައިގެން ދިއުމެވެ. އަދި މި ޖަޒްބާތުގައި ރައްޔިތުން ޖެހޭ ޖެހުމުގެ ނަތީޖާއަކީ، ވާވައުދުތަކާއި، ވެރިކަން ލިބުމުން ކަންކުރާންވީ ގޮތާއި ގުޅުމެއް ނެތަސް، ލީޑަރުންނަށް މިއަދު އެކަން ވަރިހަމަ ވެގެން ދިއުމެވެ.
ރައީސް ޔާމިން ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގައި، އެމަނިކްފާނުވަނީ، ދެން އަންނަ ދައުރެއްގައި ހައްގުތައް ކަށަވަރު ކޮށްދެވާނެކަމަށާއި، ފުލުހުންނަށް މުޒާހިރާ ކުރާ ބަޔަކަށް އަނިޔާ ނުކުރެވޭނެ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އެއްވެސް ހުރަހެއް ނެތި އޮންނާނޭ ކަމުގައި ވިދާޅުވެފައެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ދައުރުގައި އަބުރުގެ ބިލެއް ފާސްކުރި ކަމާއި، މިހާރުވެސް، ކާނިވާ ސަރަހައްދު މެނުވީ އެހެން އެއްވެސް ތަނަކަށް އެއްވުން ގާނޫނަކުން މަނާ ކޮށްފައި އޮތީ އެމަނިކްފާނުގެ ދައުރުގައި ފާސްކުރި ގާނޫނަކުންކަން، އަތްޖަހަން ތިބޭ ފަރާތްތަކުގެ އިތުރުން ޚުދު އެމަނިކްފާނަށްވެސް އެގިވަޑައިގަތް ނަމަވެސް، ވައުދުވާން ވީމާ، އެއީ ނުވާ ކަންކަންކަމުގައި ދެކި، ވައުދުވުން މިއަދު މިއޮތީ ސަގާފަތަކަށް ވެފައެވެ.
އެހެންނަމަވެސް ފެންނާން އޮތް ހަގީގަތަކީ ސިޔާސީ ފަރާތްތަކުން މިއުސޫލުން ވައުދުވެ، އެކަންކަން އެއީ ސަގާފަތަަކަށް ވެގެން ދިއުމުން، އޭގެ ޝިކާރައަކަށް ރައްޔިތުންނާއި ގައުމުގެ ތަރައްގީ ވެގެން ދާކަމެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެން ދަނީ، ކޮންމެ ވެރިކަމެއްގައިވެސް، މިގޮތުން ސިޔާސީ ވެރީންވާ ވައުދުތައް ނުފުއްދުނީމާ، ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާ މީހުންނަކީވެސް، މި ވައުދުތަކަށް އެންމެ ބާރަށް އަތްޖަހަން ތިބޭ މީހުންކަމުގައިވެސް ވެގެން ދިއުމެވެ.
One Response
ބަލަތިއަބޭފުޅުއްޔާމީނައްތިއަފަސޑުވިދާޅުވަނީކުޑަކޮއްވެސްވިސްނާލާފަތޯއޭ)އެހެއްމިބުނައްޖެހުނީމައުމޫނުޖަލައްދާންޖެހުނީއެބޭފުޅާ)ރައިސްޔާމީނުގެވެރިކައްވަށްޓާލައްސުޕުރީންކޯޓުގެފަޑިޔާރުޢނައް)30.މިލިއައްރުފިޔާރިސްވަތުގެގޮތުގާދިއްކަމައް)ހޮދުރައިސްމައުމޫނުގެދޫފުޅުއްއެއްބަސްވެފާވާތީއެވެމިކައްރާތްޖޭގެހުރިހާރަތްޔިތުވެސްމިކައްރަގަޅައްއެގޭނެ)ތިއަބޭފުޅުއް)ރައިސްޔާމީނުގެދޫފުޅުއް)އެއްޗެއްވިދާޅުވާއިރައްލޮއްސިއެއްހެންމީޑިއާތަކުގެފަލަސުރުހީގަތިއަލިއަމުއްގެއްދަނީހަމާގަތިބެގެއްތޯއޭ).އެހެއްނާފަހެ)ވިސްނާބަލަ.ނަހަލާލުވެރިކަމެއްކުރަމުއްދާމިސަރުކާރުގެއިސްމަގާމުތަކުގަތިޢބެވިބޭފުޅުއްއެކުރަމުއްގެއްދާ)ފާސިދުނުބާއަމަލުތަކާކުރަމުއްދާވައްކައްތަކާމާތްވެގެއްވާއިސްލާމްދީނައްފުރައްސާރަކޮމިސްކިއްތަކައްބޮޑުކަމުގޮސްހަދާއިރުގަވެސްތިއަތިބެނީއަތްޖަހަޖަހާ