އަރަމުން އަން ޒުވާން ބަތަލާ ޖާންވީ ކަޕޫރާއި އޭނާގެ މަންމަ، ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީއާ އަޅާ ނުކިއުމަށް ބޯނީ ކަޕޫރު އެދިއްޖެއެވެ.
ބޯނީ އާއި ސްރިދޭވީ ކައިވެނި ކޮށްގެން ލިބިފައިވާ ދެ އަންހެން ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ޖާންވީ އަކީ މިހާރު ބޮލީވުޑްގައި ނަން ހިނގާ މަޝްހޫރު ތަރިއެކެވެ. އަދި ހަމަ އެހެންމެ ހަގަށް ހުރި ޚުޝީ ކަޕޫރް ވެސް އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުނެވެ.
ބޯނީ ޕްރޮޑިއުސްކޮށް ޖާންވީ ކުޅުނު އަދި އަންނަ މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "މިލީ" ގެ ޕްރޮމޯޝަނަލް އިވެންޓްގައި ބޯނީ ބުނީ ޖާންވީ އާއި ޝްރީދޭވީ އަޅާކިޔުމަކީ އެހާ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
އެގޮތުން ކޮންމެ މީހަކު ވެސް އެމީހަކު ކުޅޭ ކެރެކްޓާ އަށް ވަނުމަށް ގެންގުޅޭ އުކުޅުތައް ތަފާތުވާނެ ކަމަށާއި އެ ރޯލެއް ކުޅުމަށް ކުރާ މަސައްކަތް ވެސް ތަފާތުވާނެ ކަމަށް ބޯނީ ބުންޏެވެ. ޖާންވީ، 25، އަކީ އޭނަގެ މަންމަ ފަދައިން ބުރަކޮށް މަސައްކަތްކުރާ އަދި އެކްޓިން ރަނގަޅު ކުރަމުން އަންނަ ބަތަލާއެއް ކަމަށް ބުންޏެވެ.
އޭނާ ބުނީ ޝްރީދޭވީ ބޮލީވުޑަށް ނުކުތީ ވެސް ސައުތު ސިނަމާގައި އެތައްް ސަތޭކަ ފިލްމެއްގައި މަސައްކަތް ކުރުމަށް ފަހު ކަމަށެވެ. ޖާންވީ އަދި ކިރިޔާ އޭނާގެ ކެރިއަރު ފެށީ ކަމަށާއި ޖާންވީގެ މަންމަގެ ހުނަރާ އޭނާ އަޅާނުކިޔަން އެދޭ ކަމަށް ބޯނީ ބުންޏެވެ.
ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ. ކެރިއަރުގައި 200 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސްރީދޭވީ ވަނީ 2018 ގައި މަރުވެފައެވެ. އޭނަ މަރުވީ ޖާންވީގެ ފުރަތަމަ ފިލްމު ވެސް ބަލާލުމުގެ ފުރުސަތު ނުލިބިއެވެ.
ބޯނީގެ ވެސް ހިއްސާ އޮވެގެން ނެރޭ 'މިލީ' އަކީ މަލަޔާލަމް ފިލްމު 'ހެލެން’ގެ ރީމޭކެކެވެ. ޖާންވީގެ އިތުރުން ސަނީ ކޯޝަލް އަދި މަނޯޖް ޕާހްވާ ވެސް އެ ފިލްމުން ފެންނާނެ އެވެ.
މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހު 4 ވަނަ ދުވަހުއެވެ.