ޗައިނާ ސަފީރު ނަޝީދަށް: މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް، ނަމަވެސް ދެޤައުމުގެ ގުޅުމަކީ އަގުކުރެވޭނެ ގުޅުމެއް ނޫން

ޗައިނާ ސަފީރު ނަޝީދަށް: މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް، ނަމަވެސް ދެޤައުމުގެ ގުޅުމަކީ އަގުކުރެވޭނެ ގުޅުމެއް ނޫން

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 11:56
0

މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއްކަމަށާއި، ނަމަވެސް ދެޤައުމުގެ ގުޅުމަކީ އަގުކުރެވޭނެ ގުޅުމެއްނޫންކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ރައީސް ނަޝީދަށް ރައްދުދެއްވައިފިއެވެ.

ޗައިނާ ސަފީރާއި ރައީސް ނަޝީދާ ދެބޭފުޅުން ފަހަކަށް އައިސް ގެންދަވަނީ ސޯޝަން މީޑީއާގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހޫނު ރައްދު ދެއްވަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ދަރަނި ބޮޑުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުންކަމަށެވެ. އަދި ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވެފައިވަނީ މާމަގެ ފައްޓަރުބައި ވިއްކާލިޔަސް ޗައިނާ އަށް ދަރާފައިވާ ދަރަނި ނުދެއްކޭނެކަމަށެވެ. އިހުގެ ފައްޓަރުބައެއްގެ ފޮޓޯއާއި އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނި އަދާކުރުމަށް އަންނައަހަރު ދައުލަތުގެ އާމްދަނީގެ 53 އިންސައްތަ ހޭދަވާނެކަމަށެވެ. އަދި މި އަދަދުގެ ދަރަނީގެ ތެރެއިން 80 އިންސައްތަ އަކީ ޗައިނާ އަށް ދައްކަން ޖެހޭ ދަރަނިކަން ނަޝީދު ފާހަގަ ކުރެއްވެވިއެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވާ ޗައނާ ސަފީރު ކުރެއްވި ޓްވީޓެއްގައިވަނީ ޖީ20 ގެ ޤައުމުތަކަށް ދަރަނި އަދާކުރުމުގައި ޗައިނާއިން ފަހިކޮށްދިން ލުއިފަސޭހަ ސިޔާސަތު ހިމެނޭ ޚަބަރާއެކު ވިދާޅުވީ، މާމަގެ ފައްޓާރުބަޔަކީ ފައިސާގެ ގޮތުން އަގުހުރި އެއްޗަކަށް ވާނެކަމަށެވެ. ނަމަވެސް ދެޤައުމެއްގެ ރަހުމަތްތެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ދިވެހިރާއްޖެ ދަރަނިވެރި ކުރުވައިފި ކަމަށް އިންޑިއާގައި ހުންނަވައިގެންވެސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.