ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލްކްލަސިކޯ މެޗު، 3-1 އިން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއް ވަނަ އަށް ޖެހިލައިފިއެވެ.
ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ލަނޑުން އެ ޓީމު ލީޑު ނެގިއެވެ. މިއީ މެދުތެރެއިން ޓޯނީ ކްރޫސް ޖައްސާލި ބޯޅައެއް ހޯދައި އަރިމަތިން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޝޮޓެއް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ބްލޮކްކޮށް ފޮނުވާލި ވަގުތު ބެންޒެމާ ވައްދާލި ގޯލެކެވެ.
މި ގޯލަށް ފަހު ބާސެލޯނާ އިން އެޓޭކްތައް ވަރުގަދަކުރިއެވެ. އަދި ދެންމެދެންމެ އެއްވަރުކޮށްފާނެ ކަމަށް ބެލެވުނު ދެ ދަނޑިވަޅެއް ދިޔައެވެ. އެކަމަކު ވިނީޝިއަސް އުފެއްދި ހަމަލައެއްގައި، 35 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭ ލަނޑު ޖަހައި ރެއާލުގެ ލީޑު ފުޅާކޮށްދިނެވެ. ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި ރެއާލްގެ ބެންޒެމާ ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ. އެކަމަކު، މި ލަނޑު ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ޔަގީންކޮށްފައެވެ.
މެޗުގައި ބާސެލޯނާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގައެވެ. އޭރިއާތެރެއިން ހުސްކޮށް އަރައި، ފެރާން ޓޮރޭޒް މި ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ ޖައްސާލި ބޯޅައަކުންނެވެ. ބާސެލޯނާގެ އަންސޫ ފާޓީ ނެގި ހުރަސް ލެވަންޑޯސްކީ ފައިގައި ޖެހިފައި އައިއިރު، ޓޮރޭޒް ހުރީ ގޯލު ކުރިމަތީގައި ހުސްކޮށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ރޮޑްރީގޯއެވެ. މިއީ ރޮޑްރީގޯ އަށް ބާސެލޯނާގެ އެރިކް ގާސިއާ ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އަކުން ރޮޑްރީގޯ ޖެހި ގޯލެކެވެ. މިމޮޅާއިއެކު ތާވަލުގެ ކުރީގައި ރެއާލް އޮތީ 25 ޕޮއިންޓާ އެކުއެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 22 ޕޮއިންޓާ އެކުއެވެ. މި ދެ ޓީމާ އެންމެ ގާތުގައި އޮތީ 19 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑެވެ.