ކުރުފާއި، ލާދީނިއްޔަތާއި ދެކޮޅަށް ކުރާ މަސައްކަތުގައި އުމުރު ދުވަހަށް ހުކުމްކުރިޔަސް އަޒުމެއް ގުޑުވައެއް ނުލެވޭނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމަށް ބުނެ ޝައިޚު ނިޝާންގެ މައްވަށް ވަނީ ޓެރަރިޒަމްގެ އަަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލާފައެވެ.
މިދައުވާތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިއަދު ޝައިޚު ނިޝާން ވަނީ ކޯޓަށް ހުށަހަޅާފައެވެ. ކޯޓަށް ލިޔުން ހުށަހެޅިތާ މާގިނަ އިރުތަކެއް ނުވަނީސް މިއަދު ކޯޓުން ގުޅާ މާދަމާ އަޑުއެހުން ތާވަލްކުރިކަމަށް ވަނީ ޝައިޚަށް އަންގާފައެވެ.
އަޅުގަނޑުމެންގެ މައްޗަށް މިލާދީނީ ސަރުކާރުން ކުރާ "ޓެރަރިޒަމް"ގެ ދަޢުވާ އާއި ގުޅޭ ލިޔުންތައް މިއަދު މެންދުރު ހަވާލުކޮށް، ހަވީރު ގުޅައި ހަމަ ކުއްލިއަކަށް މާދަމާ 09:00 އަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލުކުރިކަމަށް އަންގައި ކޯޓަށް ޙާޒިރުވުމަށް އަމުރުކޮށްފި.
– ޝައިޚު ނިޝާން ވިދާޅުވިއެވެ.
މިދައުވާ ޝައިޚު ނިޝާންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ. ޝައިޚު ނިޝާން ވިދާޅުވީ ކިތަންމެ ބޮޑު ހުކުމެއް އައި ނަމަވެސް އިސްލާމްދީނުގެ ދިފާއުގައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އަދި ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަޒުމެއް ނުގުޑުވޭނެކަމަށް ޝައިޚު ވަނީ ވިދާޅުވެފައެވެ.
15 އަހަރު ކީއްކުރަން ހެއްޔެވެ! ޢުމުރު ދުވަހަށް ޙުކުމް ކުރިނަމަވެސް، ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އަދި ޢަޒުމަކަށް ހިތްވަރަކަށް ގުޑުމެއް ނާރާނެ.
– ޝައިޚު ނިޝާން ވިދާޅުވިއެވެ.
ޔޯގާ ހަރަކާތް ހުއްޓުވި ދުވަހުގެ އެސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ހަމަނުުޖެހުން ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތު ފުލުހުން ޝައިހް ނިޝާންގެ މައްޗަށް ކުރި ނަމަވެސް އޭނާ ވަނީ އާއްމުން ހަމަނުޖެހުން ހިންގިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ސްޓޭޑިއަމްގެ އެތެރެއަށް ވަދެގަތް މީހުންގެ ތެރޭގައި ވެސް ޝައިހް ނިޝާން ނުހިމެނެއެވެ.
ކޮމެންޓު ފޮނުވާ