އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފިލް ފޯޑެން، އެ ޓީމުގައި 2027 ގެ ނިޔަލަށް މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.
މި ސީޒަންގައިވެސް ފޮޑެން އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަންގެ މިހާތަނަށް ސިޓީއަށް ކުޅެދިން 13 މެޗުގައި ފޮޑެން ވަނީ ހަތް ލަނޑު ޖަހާފައެވެ. ފޮޑެން ވަނީ މިހާތަނަށް ސިޓީއަށް ޖުމުލަ 182 މެޗު ކުޅެދީ، 52 ލަނޑު ޖަހާފައެވެ. ސިޓީއާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
އޭނާ ސިޓީ އާއި އެކު ހަދާފައިވާ އެއްބަސްވުން ކުރިން ނިމެން އޮތީ 2024 ވަނަ އަހަރަށެވެ. އުމުރުން 22 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 182 މެޗްގައި 52 ލަނޑު ޖަހާދީފައެވެ. އަދި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިޓީއަށް އެންމެ ފުރަތަމަ ކުޅުނު ފޯޑަން ވަނީ މިވީ ދެ އަހަރެއްގެ ތެރޭގައި ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާ މުހިންމު ކުޅުންތެރިއަކަށް ވެގެން ގޮސްފައެވެ.
ސިޓީ އާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ފޯޑެން ހާމަކުރިގޮތުގައި އޭނާ އަނގައިން ބުނެލާވަރަށް ވުރެވެސް އުފާވެފައިވާކަމަށެވެ. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ފޯޑެން ހާމަކުރިއެވެ. އޭނާއަކީ އަބަދުވެސް ސިޓީއަށް ސަޕޯޓް ކުރާ ސަޕޯޓަރެއް ކަމަށާއި އޭނާ ސިޓީ އާއެކު ގިނަ ދުވަސް ތަކެއް ވަންދެން ފަރިތަކޮށްފައިވާ ކަމަށާއި އެ ކްލަބްގެ ބޯލް ބޮއި އަކަށްވެސް ހުރެފައިވާކަމަށެވެ. އަދި އެފަދަ ހާއްސަ ކްލަބެއްގައި 2027 ގެ ނިޔަލަށް ހުރެވޭކަން އެނގުމުން ވަރަށް އުފާވެފައިވާކަމަށެވެ.
ފޯޑެން ހާމަކުރިގޮތުގައި އޭނާގެ ކާމިޔާބީގެ ފަހަތުގައި މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ އާއި އޭނާގެ ސްޓާފުންގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ކުޅުން އިތުރަށް ރަނގަޅު ކުރާނެ ގޮތް ތަކާއި ގުޅޭ އިރުޝާދު އޭނާއަށް ފުރިހަމައަށް ޕެޕް ގެ ފަރާތުން ލިބެމުން ދިޔަ ކަމަށް އޭނާ ހާމަކުރިއެވެ.
ފޯޑެން އާއި އެކު އެއް ޓީމަކަށް ކުޅޭ ކައިލް ވޯކަރ ހާމަކުރިގޮތުގައި ފޯޑެންގެ އާ އެއްބަސްވުމަކީ އޭނާއަށް ހައްގު އެއްޗެއް ކަމަށެވެ. އަދި ފޯޑެން އަށް މިކަން ހާސިލް މިވީ ކެތް ތެރިކަމާއެކު އޭނާގެ ފުރުސަތަށް އިންތިޒާރުކޮށްގެން ހުރުމުންކަމަށްވެސް ވޯކަރ ހާމަކުރިއެވެ.