ސަރުކާރު ކޯލިޝަންގައި އޮތުމަކީ ސަރުކާރަށް ތާއަބަދު ސަނާ ކިޔަންޖެހޭ ސަބަބެއް ނޫންކަމަަށާއި، ގޯސްކަމެއް ކުރާ ދަނޑިވަޅަކު ސަރުކާރަށް ފާޑުކިޔައި ކަންކަން ރަނގަޅު ކުރަން މަަސައްކަތް ކުރައްވާނޭ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގައި ވާޙަކަ ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރަށް ސަނާ ކިޔަނީ އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަށް މިސަރުކާރުން މިނިސްޓަރެއްގެ މަޤާމު ދެއްވުމަކުން ނޫންކަމަށެވެ. ސަރުކާރުން ނުރަނގަޅު ކަންކަން ކުރާނަމަ އެ މަނިކުފާނު އެ ވާހަކަ ދައްކަވާނެ ކަމަށާއި، ސަނާކިޔަމުންދަނީ ގޮންޖެހުންތަކާއިއެކުވެސް ސަރުކާރުން ފާއިތުވެދިޔަ ދެ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމްވަނީ ރޭގެ ޕްރޮގުރާމުގައިވެސް މިނިސްޓަރ ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ، އެގޮތުން މިނިސްޓަރ ނަހުލާ މަޤާމަށް ވަޑައިގެންނެވީ އެކަމަނާގެ ޤާބިލްކަމުގެ ސަބަބުންކަމަށެވެ. އަދި މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވާފައިވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޤާސިމްވަނީ އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓާއިގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ޤާސިމް ވިދާޅުވީ ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށެވެ. ބަޖެޓް ފާސްކުރެއްވުމާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ކޮން ނިޔަތެއްގައިކަން ސާފު ނުވާކަމަށާއި، ހުރިހާ މެމްބަރުންވެސް ބަޖެޓަށް ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށް ޤާސިމް ވަނީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ