ބެލްޖިއަމްގެ ވެރިރަށް ބަރަސްލްސްގައި މިހާރު ކުރިޔަށްދާ ނޭޓޯގެ 50 ގައުމުގެ ބައްދަލުވުމުގެ އެންމެ މުހިންމު އެޖެންޑާއަކަށް ވެގެންދާނީ ޔޫކުރެއިންއަށް އެންމެ ފަހުގެ، ވައިގެ ދިފާއީ ސިސްޓަމް ފޯރުކޮށް ދިނުމާމެދު ބަހުސްކޮށް ގޮތެއް ނިންމުންކަމުގައި ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެންބާރގް ވިދާޅުވެއްޖެއެވެ.
ޔޫކުރެއިންގެ ޑޮނެސްކް ރީޖަންއަށް އެގައުމުން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، ޔޫކުރެއިންގެ އަވްދީވްކާ ޓައުންގެ މާރުކޭޓަށް މިއަދު ރަޝިއާއިން ދިން މިސައިލް ހަމަލާތަކުގައި މަދުވެގެން 7 މީހަކުވަނީ މަރުވެފައެވެ.
ފާއިތުވެދިޔަ ހަފްތާގައި، ރަޝިއާއިން ހިފާފައިވާ ކްރައިމިއާ ސަރަހައްދާއި ރަޝިއާ ގުޅުވައިދޭ ބުރިޖްގެ ބައެއް ގޮއްވާލުމާއި ގުޅިގެން ރަޝިއާއިން ތުހުމަތު ކޮށްފައިވާ ގޮތުގައި މި ހަމަލާއަކީ ޔޫކުރެއިންއިން ދީފައިވާ ހަމަލާއެކެވެ. އެހެންނަމަވެސް ޔޫކުރެއިންއިން މި ތުހުމަތުތަކާއި ގުޅިގެން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އަދި މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ރަޝިއާއިން ދަނީ ޔޫކުރެއިންގެ މަދަނީ އަމާޒުތަކަށް މިސައިލް ހަމަލާތައް ދެމުންނެވެ.
ނޭޓޯއިން ޔޫކުރެއިންއަށް ވައިގެ ދިފާއީ ނިޒާމު ފޯރުކޮށް ދިނުމަށް މަޝްވަރާ ކުރަމުން ދާއިރު، އެމެރިކާއިން ވަނީ އެގައުމުން ޔޫކުރެއިންއަށް އެންމެ ޒަމާނީ، ވައިގެ ދިފާއީ ނިޒާމު ފޯރުކޮށްދޭނެ ކަމަށް ބުނެގައެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި މި ސިސްޓަމް އެގައުމުން ޔޫކުރެއިންއަށް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފޯރުކޮށް ދެވޭނެ ކަމުގައެވެ. އަދި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ސިސްޓަމްތައްވަސް ޔޫކުރެއިންއަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އެގައުމުންވަނީ ދީފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ގިނަ ހަމަލާތަކުގައި މިހާރު ބޭނުން ކުރަމުންދަނީ ދާދިފަހުން ރަޝިއާއިން އިރާނުންގެ ގަނެފައިވާ ޑްރޯންތަކެވެ.
ކޮމެންޓު ފޮނުވާ