ރާއްޖެއަށް މިހާރުކުރަމުން އަންނަ ވިއްސާރާގައި އެންމެ ގިނައިންވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫއަށްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ވަނީ ވާރޭވެހިފައިވާ ގޮތުގެ ތަފާސް ހިސާބު ހިއްސާކޮށްފައެވެ. އެ ތަފާސް ހިސާބު ދައްކާގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނު ހުޅުމީދޫއަށް 24 ގަޑިއިރުގެ ތެރޭގައި 58.9 މިލިމީޓަރަށް ވާރޭ ވެހިފައިވެއެވެ. އެއީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެވެ. މުޅި ރާއްޖެއަށް ކުރަމުންދާ މި ވިއްސާރާގައި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ.ކައްދޫއަށެވެ. އެއީ 51.4 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާ ބެހޭ އިދާއިން ބުނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއުރުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް އެ އިދާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތުގައި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށިގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިނުގައި 4 ފޫޓައި 7 ފޫޓު ހުންނާނެކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ މަދުން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ0.2 މިލިމީޓަރުގެ ވާރޭއެވެ.